ޚަބަރު
މާކުރަތު ފުޓްސަލް ދަނޑު ހުޅުވައިފި
މާކުރަތު ފުޓްސަލް ދަނޑު ހުޅުވުން. ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
ރ. މާކުރަތުގައި ސަރުކާރުން ޤާއިމްކުރެއްވި އައު ފުޓްސަލް ދަނޑު، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި ފުޓްސަލް ދަނޑަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން މާކުރަތު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ވަޢުދުފުޅާ އެއްގޮތަށް، މާކުރަތު ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ސަރުކާރުން ވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މި މަޝްރޫޢު ނިންމައި ދަނޑު ތަރައްޤީކޮށްދެއްވާފައެވެ.
މާކުރަތުގައި ފުޓްސަލް ދަނޑެއް އަޅައިދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސްޕޯޓްސް މިނިސްޓަރަށް އެންގެވީ، އެމަނިކުފާނު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރ. ފައިނު ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި މާކުރަތު ކުދިންތަކެއް ރައީސާ ބައްދަލުކޮށް، އެރަށުގައި ފުޓްސަލް ދަނޑެއް އަޅައިދިނުމަށް އެދުނު އެދުމަށް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ އިޖާބަދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މާކުރަތުގައި ފުޓްސަލް 'އޭ' ކޯޓުގެ ދަނޑެއް އަޅައިދިނުމަށް މިނިސްޓަރު ރާފިއުއަށް އަންގަވައި، އެ މަސައްކަތް އަވަސްކުރުމަށް އިރުޝާދު ދެއްވާފައެވެ. މިއަދު މި ހުޅުވުނު ދަނޑަކީ އެ އިރުޝާދުގެ ދަށުން ނިންމާލެވުނު މުހިންމު މަޝްރޫޢެކެވެ.