ދުނިޔެ
ޒެލެންސްކީއަށް އަރުވާފައިވާ ޕޮލެންޑުގެ އެންމެ މަތީ ޝަރަފު އަތުލައިފި
ޕޮލެންޑްގެ ރައީސް އަދި ޔޫކުރެއިންގެ ރައީސް - ފޮޓޯ: ބީބީސީ
ޔޫކްރޭނުގެ އަސްކަރީ ޔުނިޓަކަށް ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ މާޒީއާ ގުޅުންހުރި ނަމެއް ދިނުމާ ގުޅިގެން، ޔޫކްރޭނުގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީއަށް ޕޮލެންޑުން އަރުވާފައިވާ އެ ގައުމުގެ އެންމެ މަތީ ދައުލަތުގެ ޝަރަފު ކަމަށްވާ "އޯޑަރ އޮފް ދަ ވައިޓް އީގަލް" އަތުލައިފިއެވެ.
ޕޮލެންޑުގެ ރައީސް ކަރޯލް ނަވްރޮކީ މި ނިންމެވުން ނިންމެވީ، ޔޫކްރޭނުގެ އަސްކަރީ ޔުނިޓަކަށް "ޔޫކްރޭނިއަން އިންސާޖަންޓް އާމީ" (ޔޫ.ޕީ.އޭ) ގެ ނަމުން ނަން ދިނުމަށް ކީވްއިން ނިންމި ނިންމުމާ ގުޅިގެންނެވެ.
ޕޮލެންޑުން ތުހުމަތުކުރާ ގޮތުގައި 1943 އާއި 1945 އާ ދެމެދު ވޮލީނިއާ ސަރަހައްދުގައި ޔޫ.ޕީ.އޭ އިން ވަނީ 100,000 އަށްވުރެ ގިނަ ޕޮލެންޑް މީހުން މަރާލައި ގަތުލުއާންމެއް ހިންގާފައެވެ. ނަމަވެސް ޔޫކްރޭނުން ދެކޭގޮތުގައި އެ ޖަމާއަތަކީ ސޯވިއެޓް ރެޑް އާމީ އާއި ނާޒީ ޖަރުމަނާ ދެކޮޅަށް މިނިވަންކަމަށް މަސައްކަތްކުރި ބަތަލުންނެވެ.
މިކަމާ ގުޅިގެން ރައީސް ނަވްރޮކީ ވިދާޅުވީ، ޔޫކްރޭނަށް އީޔޫގެ މެންބަރުކަން ބޭނުންވާނަމަ، އެ ގައުމުގެ ތާރީހުގެ ހިތްދަތި ސޮފްހާތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި ޔޫ.ޕީ.އޭ ފަދަ ޖަމާއަތްތައް މަތިވެރިކުރުމަކީ ޕޮލެންޑުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، މި ހިޔާލުތަފާތުވުމުގެ ސަބަބުން ރަޝިޔާއާ ދެކޮޅަށް ޔޫކްރޭނުން ކުރާ ހަނގުރާމައިގައި ޕޮލެންޑުން ދޭ އެހީތެރިކަމަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ޔޫކްރޭނުގެ ފޮރިން މިނިސްޓަރު އެންޑްރީ ސިބިހާ މި ނިންމުމަށް ފާޑުވިދާޅުވަމުން ވިދާޅުވީ، މިއީ "ސްޓްރެޓީޖިކް ގޯހެއް" ކަމަށާއި މީގެ ފައިދާ ކުރާނީ ހަމައެކަނި ރަޝިޔާއަށް ކަމަށެވެ. އަދި އެހެން ގައުމެއްގެ ރައީސަކަށް ޔޫކްރޭނުގެ ތާރީހު އޮންނަންވީ ގޮތް ކަނޑަނޭޅޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް ވަނީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މަސްލަހަތު ނުތަނަވަސްކަން ކުޑަކުރުމަށް ގޮވާލައްވާފައެވެ. މި ޝަރަފަކީ 2023 ވަނަ އަހަރު ޕޮލެންޑުގެ ކުރީގެ ރައީސް އެންޑްރޭ ޑޫޑާ، ޒެލެންސްކީއަށް އެރުވި ޝަރަފެކެވެ.