ދުނިޔެ
ޑޮމިނިކަން ރިޕަބްލިކުގެ ބީޗް ހޮޓަލެއްގައި އަލިފާން ރޯވެ މީހަކު މަރުވެއްޖެ
ޑޮމިނިކަން ރިޕަބްލިކުގެ ބީޗް ރިޒޯޓުގައި ހިނގި އަލިފާނުގެ ހާދިސާ
ޑޮމިނިކަން ރިޕަބްލިކުގެ ބީޗް ރިޒޯޓެއް ކަމަށްވާ ބޭއަހިއްބޭގެ ހޮޓަލެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި އަންހެނަކު މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 46 އަހަރުގެ ފްރެންޗެސްކާ ވެލެންޓީނޯ ނަމަކަށް ކިޔުނު އަންހެނެކެވެ.
އަލިފާން ރޯވުމާއި ގުޅިގެން އެ ސަރަހައްދުން ހުސްކުރި ފަތުރުވެރިންގެ އަދަދު ގާތްގަނޑަކަށް 1700 އަށް އަރާފައިވާއިރު، 3 މީހަކު ސިއްހީ ފަރުވާދޭ މަރުކަޒުތަކަށް ވަނީ ގެންދެވިފައެވެ. އަދި 6 މީހަކަށް ވަނީ ހާދިސާ ހިނގި ސަރަހައްދުގައި ފަރުވާ ދިފައެވެ. އަލިފާނާއި ގުޅިގެން އަސަރުކުރި މީހުންގެ ތެރޭގައި ފަތުރުވެރިންގެ އިތުރުން ކުއްލިފަރުވާ ދިނުމަށް އެސަރަހައްދަށް ދިޔަ މީހުން ވެސް ހިމެނެއެވެ.
އަލިފާންގަނޑު މިހާރު ކޮންޓްރޯލު ކުރެވިފައިވާއިރު، އެހާ ބޮޑަށް އަލިފާން ފެތުރިފައިވަނީ އެ ތަނުގެ ފުރާޅުތައް ރުކުގެ ފަންވަތުން ހަދާފައިހުރުމުންކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާއިން ބުނެއެވެ. އަދި އެއީ އަވަހަށް އަލިފާން ހިފާ ޒާތުގެ އެއްޗެއްކަމަށާއި، އެވަގުތު ވައިގެ މިސްރާބު ހުރިގޮތުން އަލިފާން ފެތުރުމަށް އިތުރަށް މަގުފަހިވީ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
އަލިފާން ރޯވުމަށް މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވާކަމަށާއި، އެކަން ދަނީ ތަހުޤީޤު ކުރެވެމުންކަމަށް އެ ގައުމުގެ ކަމާބެހޭ ވުޒާރާތަކުން ބުނެއެވެ.
މި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބޭއަހިއްބޭ ރިޒޯޓުގެ ހިންގުންތަކަށް މަޑުޖެހުމެއް ނާންނާނޭ ކަމަށް އެ ގައުމުގެ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެއެވެ.
ކެރިބިއަން ކަނޑުގައި އޮންނަ ޑޮމިނިކަން ރިޕަބްލިކަކީ ފަތުރުވެރިކަމަށް މަޝްހޫރުވެފައިވާ ގައުމެކެވެ. އެ ގައުމަށް އަހަރުގެ މިހާތަނަށް ވަނީ 5.6 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ.