ވިޔަފާރި / ޚަބަރު
ސައުދީގެ ފްލައިނާސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި
ފްލައިނާސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުން ފޮޓޯ: އެމްއޭސީއެލް
ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިން، ފްލައިނާސް އިން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް އަލުން ފަށައި، އެ އެއާލައިންގެ ފުރަތަމަ ފްލައިޓް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.
މި ފެށުނު ދަތުރުތަކުގެ ދަށުން ސައުދީގެ ރިޔާދުގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވެ، ފަތުރުވެރިކަމަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެކެވެ.
ދަތުރުތައް އަލުން ފެށުމުގެ ގޮތުން ރިޔާދުން އައި ފްލައިނާސްގެ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ކުލަގަދަ ރަސްމިއްޔާތަކާއެކުގައެވެ. އެގޮތުން ބޯޓަށް ވޯޓާ ސަލިއުޓެއް ދީފައިވާއިރު، ރާއްޖޭގެ ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މީގެ އިތުރުން، މި ހާއްސަ މުނާސަބަތާ ގުޅިގެން ރާއްޖެއަށް އައި ފަސިންޖަރުންނަށާއި އެ އެއާލައިނުން ފުރި ފަސިންޖަރުންނަށް ވަނީ ހަނދާނީ ހަދިޔާވެސް ބަހާފައެވެ.

ފްލައިނާސްގެ ދަތުރުތައް އަލުން ފެށުމަކީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ގައުމަކަށްވާއިރު، މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދުން ރާއްޖެއަށް އޮތް ޑިމާންޑް އިތުރަށް އުފުލިގެންދާނެ ކަމަށް ބެލެވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އިން ބުނީ އެއާޕޯޓަށް ދަތުރުކުރާ ބައިނަލްއަޤުވާމީ އެއާލައިންތަކުގެ އަދަދު އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ މަޝްހޫރު އެއާލައިންތަކާ ގުޅިގެން ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރުވައި، ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމެވެ.