ޚަބަރު
އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް ފެނަކައިގެ 97 މުވައްޒަފަކު ހުށަހަޅައިފި
ފެނަކަ ކޯޕަރޭޝަން
މާލީ އިނާޔަތްތަކާއެކު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް ފެނަކަ ކޯޕަރޭޝަނުން ހުޅުވާލި ފުރުސަތުގައި، އެކަމަށް އެދި 97 މުވައްޒަފުން ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ފެނަކައިގެ ހިންގުން ހަރުދަނާކުރުމަށާއި، ކުންފުނީގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ތިރިކުރުމަށް ފަށާފައިވާ މި މަސައްކަތުގެ ދަށުން، ހަތަރު މަހުގެ މުސާރައާއެކު ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދައުލަތުގެ މީޑިއާއަށް ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ، މުވައްޒަފުން މަދުކުރުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމަށް މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި ވަޒީފާއިން ވަކިވާން އެދި ހުށަހަޅާފައިވާ މުވައްޒަފުން، ރަސްމީކޮށް ވަޒީފާއިން ވަކިކުރުމުގެ އިދާރީ މަރުހަލާތައް މިހާރު ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފެނަކައިން ބުނެފައިވާ ގޮތުގައި، މިފަދަ ފުރުސަތެއް ހުޅުވާލަން ޖެހުނީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށެވެ. އެގޮތުން، ބައެއް ރަށްރަށުގައި ކުރާނެ އަމަލީ މަސައްކަތެއް ނެތް ނަމަވެސް، މުވައްޒަފުންގެ އަދަދު ނިސްބަތުން އިންތިހާއަށް ގިނަކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ފެނަކައިގެ އިތުރުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް މިހާރު ވަނީ މިފަދަ އުސޫލަކުން އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލާފައެވެ. އެޗްޑީސީން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައިވަނީ، މުވައްޒަފުން މަދުކުރަން ނިންމީ ކުންފުނީގެ އޮނިގަނޑު އަލުން ތަރުތީބުކޮށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ. އެ ކުންފުނިން މިކަމާ ގުޅޭ އިތުރު ތަފްސީލުތަކާއި، ޝަރުތުތަކުގެ އިތުރުން ސުންގަޑި ފަހުން އިއުލާން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހަރަދުތައް ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭ މުހިންމު ސިޔާސަތެކެވެ.