Ads by Farudhun

ޚަބަރު

އަހަރުގެ ފަހު ދެ ކުއާޓާގައި ފަތުރުވެރިން އަންނަ މިންވަރު އިތުރުވާނެ: ވަޒީރު އަމީން

އަހަރުގެ ފަހު ދެ ކުއާޓާގައި ފަތުރުވެރިން އަންނަ މިންވަރު އިތުރުވާނެ: ވަޒީރު އަމީން

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ފޮޓޯ:ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖޫން 2026، 07:32

20 ޖޫން 2026، 07:32

މިއަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓާގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރަށްވުރެ ބޮޑުތަނުން ރަނގަޅުވާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މިއަހަރު ރާއްޖެއަށް އައި އެއް މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ފަތުރުވެރިން ގެނައުމަށްޓަކައި ހުއްޓުމެއް ނެތި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

ސަރުކާރުން މިއަހަރު ފެށީ 2.5 މިލިޔަން ފަތުރުވެރިން ގެނައުމުގެ އަމާޒަކާއެކުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު ވަކި ހިސާބަކުން މަދުވި ކަމަށެވެ. ނަމަވެސް އެ ދަނޑިވަޅުގައި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، މިހާރު ފަތުރުވެރިކަން އޮތީ ރަނގަޅު މިސްރާބަކަށް ޖަހާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އަހަރު. އެ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މި ޖޫން މަހުގެ ތެރޭގައި އެއް މިލިޔަން ފަތުރުވެރިން ހަމަވުމަކީ ވަރަށް ރަނގަޅު ފާލެއް،

       ވަޒީރު

ވަޒީރު އިތުރަށް ވިދާޅުވީ، 2.5 މިލިޔަނަށް ނުދެވުނު ނަމަވެސް، މިދިޔަ އަހަރުގެ އަމާޒު ކަމަށްވާ 2.24 މިލިޔަނާ ހަމައަށް ވާޞިލުވެވުމަކީވެސް ލިބޭނެ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި އަންނަ މަހުގެ ތެރޭގައި ޗައިނާ އާއި ރަޝިޔާގައި ޚާއްޞަ އިޝްތިހާރު ކުރުމުގެ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް އަންނަ އެއަރލައިންތައް އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، މިއަދުވެސް އައު އެއަރލައިންއަކުން ދަތުރުތައް ފަށާފައިވާކަމަށާއި، ކުރިއަށް އޮތް ތަނުގައި ފްރެންޗް އެއަރލައިންއެއްގެ ދަތުރުތައްވެސް ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާރު ދުވާލަކު އެވްރެޖްކޮށް 5000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. ސަރުކާރުގެ އުންމީދަކީ އަހަރުގެ ފަހު ކުއާޓާއާ ހަމައަށްދާއިރު ކަނޑައެޅިފައިވާ އަމާޒާ ވަރަށް ގާތަށް ވާޞިލުވުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450