ދުނިޔެ

މަޝްހޫރު އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ ސައުދީ އަރަބިއްޔާގައި އިސްލާމްވެއްޖެ

މަޝްހޫރު އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ ސައުދީ އަރަބިއްޔާގައި އިސްލާމްވެއްޖެ

އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖޫން 2026، 10:51

21 ޖޫން 2026، 10:51

މަޝްހޫރު ޓީވީ ސިލްސިލާ "ބްރޭކިންގ ބޭޑް" ގައި ގަސް ފްރިންގްގެ ރޯލުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެމެރިކާގެ އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ ސައުދީ އަރަބިއްޔާގައި އިސްލާމްދީން ގަބޫލުކޮށްފިއެވެ.

 މިކަން ހާމަކުރެއްވީ ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓައިންމަންޓް އޮތޯރިޓީގެ ޗެއާމަން ތުރުކީ އަލް-ޝައިޚް އެވެ.

އަލް-ޝައިޚް ވިދާޅުވި ގޮތުގައި، އެސްޕޮސިޓޯ ވަނީ އިސްލާމްދީން ގަބޫލުކޮށް ޝަހާދަތް ކިޔާފައެވެ. އަދި ސައުދީގައި ފިލްމެއްގެ މަސައްކަތް ކުރަމުންދަނިކޮށް، އޭނާ ވަނީ ޕްރޮޑަކްޝަން ޓީމުގެ މެންބަރުންނާއެކު މިސްކިތެއްގައި ނަމާދުވެސްކޮށްފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ވެސް އޭނާ މިސްކިތެއްގައި ނަމާދުކުރާ މަންޒަރު ފެނިގެން ގޮސްފައިވެއެވެ.

އެސްޕޮސިޓޯ އަކީ ފިލްމީ ދާއިރާގައި އެތައް އަހަރެއްގެ ތަޖުރިބާ ހުރި، ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ފަންނާނެކެވެ. އޭނާ ވަނީ "ބްރޭކިންގ ބޭޑް" ގެ އިތުރުން "ބެޓަރ ކޯލް ސޯލް"، "ދަ މެންޑަލޯރިއަން" އަދި ހޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި މުހިންމު ރޯލުތައް އަދާކޮށްފައެވެ. އޭނާގެ ކާމިޔާބު މަސައްކަތްތަކަށް ގިނަ އެވޯޑްތަކަކަށް ނޮމިނޭޓްވެފައިވެއެވެ.

އަލް-ޝައިޚް ވިދާޅުވި ގޮތުގައި އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކުރަން ނިންމީ ސައުދީ އަރަބިއްޔާގައި ހޭދަކުރި ދުވަސްތަކުގައި ކުރެވުނު ރަނގަޅު ތަޖުރިބާތަކާއި، އެ ގައުމުގައި މަސައްކަތް ކުރިއިރު މުސްލިމުންނާ އޮތް ގާތް ގުޅުމުގެ ސަބަބުންނެވެ. އަދި އެ ގައުމުގެ ރައްޔިތުންގެ ފަރާތުން ފެނުނު މެހެމާންދާރީއާއި އެކުވެރިކަމަށް އޭނާ ތައުރީފުކޮށްފައިވާ ކަމަށް ވެސް އަލް-ޝައިޚް ވިދާޅުވިއެވެ.

އެސްޕޮސިޓޯ ސައުދީގައި މަސައްކަތް ކުރަމުންދަނީ "ސެވަން ޑޯގްސް" ކިޔާ ބޮޑު ޕްރޮޑަކްޝަނެއްގައެވެ. މިއީ ސައުދީ އަރަބިއްޔާގެ މުނިފޫހިފިލުވުމާއި ފިލްމީ ދާއިރާ ފުޅާކޮށް، ބައިނަލްއަގުވާމީ ފަންނާނުން އެ ގައުމަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450