ޚަބަރު
ޑެންގީ އިތުރުވާތީ މަދިރި އާލާވާ ތަންތަން ނައްތާލުމަށް އިލްތިމާސްކޮށްފި
ޑެންގީ ހުން ފަތުރާ އީޑީސް މަދިރި. ފޮޓޯ: އިންޓަރނެޓް
މިދުވަސްވަރު ރާއްޖޭގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތް ޕްރޮޓެކްޝަަން އޮތޯރިޓީއިން އިލްތިމާސްކޮށްފިއެވެ.
ޑެންގީ އަކީ ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު، އެ މަދިރި އެހެން މީހެއްގެ ގައިގައި ހެފުމުގެ ތެރެއިން ފެތުރޭ ބައްޔެކެވެ.
ބަލީގެ އަލާމާތްތަކާއި ނުރައްކާތެރި ނިޝާންތައް
އީޑީސް މަދިރި ހަފާތާ 2 ނުވަތަ 7 ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށާނެއެވެ. އޭގެ ތެރޭގައި 39 ޑިގްރީ ސެލްސިއަސްއަށްވުރެ ހުން މަތިވުން، ގަދައަށް ބޮލުގައާއި ގައިގައި ރިއްސުން، ލޮލުގެ ވަށައިގެން ރިއްސުން، އަދި ހުޅުތައް ދުޅަވެ ރިއްސުން ހިމެނެއެވެ. މީގެ އިތުރުން ބަނޑުގައި ރިއްސުމާއި، ހޮޑުލެވުމުގެ އިތުރުން ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުން ފަދަ ކަންކަން މެދުވެރިވެއެވެ.
ބަލީގެ ނުރައްކާތެރި އަލާމާތްތަކަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. "އާދަޔާ ޚިލާފަށް ވަރުދެރަވުން، ކަންފަތާއި ނޭފަތް ނުވަތަ ހިރުގަނޑުން ލޭއައުން އަދި ގަދައަށް ބަނޑުގައި ރިއްސުން" ފަދަ ކަންކަން ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަންޖެހެއެވެ.
ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް
މަދިރި ހެފުމުން ރައްކާތެރިވުމަށްޓަކައި މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމާއި، ވީހާވެސް ބޮޑަކަށް ހަށިގަނޑު ނިވާވާނޭހެން ހެދުން އެޅުން މުހިންމެވެ. ހާއްސަކޮށް އީޑީސް މަދިރި ދުވާލުގެ ވަގުތުތަކުގައި ހަފާތީ އެ ވަގުތުތަކުގައި ސަމާލުކަން ދިނުން އިތުރުކުރަންޖެހެއެވެ. ގޭގެ ކުޑަދޮރުތަކުގައި މަދިރި ދާ ޖެހުމާއި، މަދިރި ގިނަވާ ވަގުތުތައް ކަމަށްވާ އިރުއަރާ ވަގުތާއި އިރުއޮއްސޭ ވަގުތު ދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ.
މަދިރި އާލާވާ ތަންތަން ނައްތާލުން
ޑެންގީ ކޮންޓްރޯލް ކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ މަދިރި އާލާވާ ތަންތަން ނައްތާލުމެވެ. އީޑީސް މަދިރީގެ ބިސް ފެން ނެތް ހާލަތުގައިވެސް 6 މަސް ދުވަހަށް ހަލާކުނުވެ ހުރެއެވެ. އެހެންކަމުން ފެން ހަރުލާ ތަންތަން ހަމައެކަނި ހުސްކޮށްލުމުގެ ބަދަލުގައި ރަނގަޅަށް ސާފުކުރުން މުހިންމެވެ. ގޭތެރެއާއި ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަކެތި ހަފްތާއަކު އެއްފަހަރު ސާފުކޮށް، މަގުމަތީގައާއި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ހުންނަ ހުސްފުޅި އާއި ދަޅު ފަދަ ތަކެތި ފެން ހަރުނުލާނޭހެން ބެހެއްޓުމަށް ވަނީ އެދިފައެވެ.
ބަލިވެ އުޅޭނަމަ ގިނައިން އަރާމުކުރުމާއި، ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ. ހުން މަޑުކުރުމަށް ޕެނެޑޯލް ނުވަތަ ޕެރެސަޓްމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމަށާއި، ތިން ދުވަހަށްވުރެ ގިނަ ދުވަހު ހުން އަންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އިލްތިމާސްކޮށްފައެވެ.