Ads by Farudhun

ޚަބަރު

ސިވިލް ކޯޓުގެ ޤާޟީއެއްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލައިފި

ސިވިލް ކޯޓުގެ ޤާޟީއެއްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 ޖޫން 2026، 03:34

21 ޖޫން 2026، 03:34

ސިވިލް ކޯޓުގެ ޤާޟީއެއްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވާކަމަށް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު އިއުލާނުގައި ވަނީ ސިވިލް ކޯޓުގެ ޤާޟީކަމުގެ މަޤާމަށް 3 މީހަކު ބޭނުންވާކަމަށާއި، މަޤާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭނެކަމަށެވެ. އަދި އެ ފަރާތަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ މީހަކަށް ވާންޖެހޭނެ ކަމަށާއި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަންތަކުގެ މަދުގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެކަމަށް އިއުލާނުގައިވެއެވެ. 

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ  އަސާސީ ޝަރުތުތަކުގެ އިތުރުން، އޭނާ އަކީ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުމުގެ ޝަރުތު ހިމެނެއެވެ. އަދި އޭނާއަކީ އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާއި، ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައި އެމީހާ ވާންޖެހޭނެއެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި 37،700 ރުފިޔާ ހަމަޖެހިފައިވާއިރު، އެލަވަންސްގެ ގޮތުގައި ހަމަޖެހިފައިވަނީ 22،300 ރުފިޔާއެވެ. އަދި މީގެ އިތުރުން މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިގެންދާނެ ކަމަށް އިއުލާނުގައިވެއެވެ.

މި މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް 1 ޖުލައި 2026 ގެ ނިޔަލަށް މިކަމަށް އެދި ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށައެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އަދި އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ކޮމިޝަނުގެ ކައުންޓަރަށް މި މުއްދަތުގެ ތެރޭގައި ހާޑް ކޮޕީ ހުށައެޅޭނެ ކަމަށް ވެސް ޖޭއެއްސީގެ އިއުލާނުގައިވެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތެއްވާނަމަ 3303501 ނަންބަރަށް ގުޅުއްވުމަށް ކޮމިޝަނުން އެދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450