ދުނިޔެ
އީރާނާއި އެމެރިކާގެ މަޝްވަރާތައް ސްވިޒަލެންޑުގައި ރަސްމީކޮށް ފަށައިފި
އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް. ފޮޓޯ: ރޮއިޓަރސް
އެމެރިކާއާއި އީރާނާއި ދެމެދު ކުރެވެމުން ދިޔަ ހަނގުރާމަ ހުއްޓާލުމަށް ދެ ޤައުމުން ސޮއިކުރި އެއްބަސްވުމުގައިވާ ކަންކަން ރަސްމީގޮތެއްގައި ނިންމުމަށް ސުވިޒަލެންޑުގައި އެ ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ބާއްވާ މަޝްވަރާތައް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްވަރާތަކުގެ ފުރަތަމަ ބުރު މިހާރު ވަނީ ނިމިފައެވެ.
މި މަޝްވަރާ ބައްދަލުވުންތައް ވިލަރެސްކުރުމުގައި ޙަރަކާތްތެރިވާ ޤަތަރާއި ޕާކިސްތާނުން ބުނެފައިވަނީ، އެމެރިކާއާއި އީރާނުން ވަނީ 60 ދުވަސްތެރޭގައި މައްސަލައާއި މެދު ގޮތެއް ނިންމުމަށް ޓަކައި، ޕްލޭނެއް އެކުލަވާލާފައެވެ. ޤަތަރުގެ ހާރިޖީ ވުޒާރާއިން ބުނާ ގޮތުގައި، މި ހަފްތާތެރޭގައި އެކިކަންކަން ނިންމުމަށް ޓަކައި، އީރާނާއި އެމެރިކާގެ ބައްދަލުވުންތައް ބާއްވާނެއެވެ.
މަޝްވަރާގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ނިއުކްލިޔާ މައްސަލަތަކާ ބެހޭ ގޮތުން އެއްބަސްވުމަކަށް އައުމާއި މެދުގައި ކަމަށް އެމެރިކާއިން ވާހަކަ ދެއްކި މަންދޫބަކު ވަނީ ބުނެފައެވެ. މީގެ އިތުރުން، ލުބްނާނުގައި ހިނގާ ހަނގުރާމައިގެ މައްސަލައަށާއި، ހުރްމުޒް ކަނޑުއޮޅި ބަނދުކުރުމާއާ ގުޅިގެން އުފެދުފައިވާ މައްސަލަތަކަށް ވެސް އަލިއަޅުވާލާފައިވެއެވެ.
ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ސޯޝަލް މީޑީޔާގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ އީރާނަށް މި އެއްބަސްވުމުގެ ސަބަބުން ރަނގަޅު އަސަރުތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން އެގޮތުން އެ ޤައިމުން އަލުން އާރާސްތުކުރުމަށް ހެދިފައިވާ ޕްލޭން އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާއާއި އީރާނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ދެ ޤައުމުން އެއްބަސްވެ 14 ނުކުތާގެ މައްޗަށް އެކުލެވޭ އެމްއޯޔޫއެއް ގައި ސޮއިކޮށްފައިވާއިރު، 60 ދުވަހުގެ ތެރޭގައި މި މައްސަލައާއި ގުޅޭ ރަސްމީ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ދެ ޤައުމުން މި ދަނީ މަޝްވަރާތައް ކުރަމުންނެވެ.