ދުނިޔެ
ޤަތަރުގެ ގޭސް ކާރުޚާނާއެއް ގޮވައި 54 މީހުން ޒަޚަމުވެއްޖެ
ރާސް ލިއްފާން މަންޒަރެއް
ޤަތަރުގެ އުތުރުގައި އޮންނަ ރާސް ލިއްފާން އިންޑަސްޓްރިޔަލް ސިޓީގައި ހުރި ބަރްޒަން ގޭސް ޕްލާންޓް ނަމަކަށް ކިޔުނު ގޭސް ކާރުޚާނާއެއް ގޮވައި 54 މީހަކު ޒަޚަމުވެ، 18 މީހުން ގެއްލިޖެއެވެ. މި ކާރުޚާނާއަކީ ދިޔާތަކެއްޗަށް ބަދަލުކޮށްފައި ހުންނަ ގުދުރަތީ ގޭސް (އެލްއެންޖީ) ސާފުކުރާ ތަނެކެވެ.
މިއީ އީރާނުގެ ހަމަލާތަކަކާއި ގުޅިގެން މެދުކަނޑާލާފައިވާ އޮޕަރޭޝަންތައް އަލުން ފަށައިގެން ކުރިއަށްގެންދިއުމަށް މަސައްކަތްކުރަމުން ދިޔައިރު ދިމާވި ހާދިސާއެކެވެ. ޤަތަރުގެ ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެނެވެ. އަދި މިކަމުގެ ސަބަބުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ކަހަލަ ނުރައްކަލެއް ނެތްކަމަށް އިދާރާތަކުން ބުނެއެވެ.
އެގޮތުން ޤަތަރުގެ މިނިސްޓްރީ އޮފް އިންޓީރިއަރ އިން ބުނި ގޮތުގައި، އެއްވެސް ކަހަލަ ނުރައްކާތެރި ގޭހެއް މި ހާދިސާއާއި ގުޅިގެން ބޭރުވެފައެއް ނުވެއެވެ. އަދި އެ ގޮވުމުގެ ސަބަބުން ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށާއި، އެކަމުގައި ހަރަކާތްތެރިވި އެއްވެސް އޮފިސަރަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް ހާދިސާގެ ސަބަބުން ޒަޚަމްވި އެއްވެސް މީހެއްގެ ހާލަތާއި ގުޅޭ ގޮތުން އެ މިނިސްޓްރީން ވަކިބަހެއް ހާމައެއް ނުކުރެއެވެ.
މި ގޮވުން ގޮވި ތަނާ 70 ކިލޯ މީޓަރު ދުރަށް އެކަމުގެ އަސަރުކޮށްފައިވާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. އެގޮތުން ގަތަރުގެ ވެރި ރަށް ދޯހާގެ މެދުތެރޭގައި ހުރި ގެތަކުގެ ބިއްލޫރިތަކަށް ވަނީ ލޮޅުން އަރާފައެވެ.
ރާސް ލިއްފާން އިންޑަސްޓްރިޔަލް ސިޓީއަކީ ދުނިޔޭގެ އެންމެ ބޮޑު އެލްއެންޖީ އެކްސްޕޯޓު ކުރާ މަރުކަޒަށް ވީއިރު، މިއަހަރުގެ މާރިޗު މަހު އީރާނުން ދިން ޙަމަލާތަކަކާއި ގުޅިގެން ޤަތަރުން އެހެން ޤައުމުތަކަށް ގޭސް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސް އެޅި، އެލްއެންޖީ އެކްސްޕޯޓު ކުރުމުގެ ޤާބިލިކަން 17 އިންސައްތަ ދަށަށް ދިޔައެވެ. ޤަތަރުއެނަރޖީގެ ސީއީއޯ ސާދް އަލްކާބީ ވިދާޅުވީ، މިކަން ފޫބެއްދުމަށް ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތެއް ނަގާނެކަމަށެވެ.