ޚަބަރު
ނަފްސާނީ ބަލިތަކުގެ ޚާއްސަ ހޮސްޕިޓަލް އަޅާނީ ހުޅުމާލޭގައި: ވަޒީރު ޤީލާ
ވަޒީރު ޤީލާ ޢަލީ. ފޮޓޯ: ވުޒާރާ
ސަރުކާރުން ޚަރަދުކޮށްގެން އިމާރާތްކުރުމަށް ނިންމާފައިވާ ނަފްސާނީ ބަލިތަކުގެ ޚާއްސަ ހޮސްޕިޓަލް އެޅުމަށް ހުޅުމާލެއިން ބިމެއް ކަނޑައަޅާފައިވާ ކަމަށް، ޞިއްޙަތާއި އާއިލާތަކާ އިޖްތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ މިއަދު ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ޤީލާ ވިދާޅުވީ، މެންޓަލް ހެލްތު ހޮސްޕިޓަލް އިމާރާތްކުރުމަށްޓަކައި ހުޅުމާލެއިން 10,000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
މި ހޮސްޕިޓަލް މާލެ ސަރަހައްދުގައި ގާއިމުކުރަން ނިންމި ސަބަބާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ނަފްސާނީ ފަރުވާ ދިނުމަށް އެ ދާއިރާގެ އެކި ފަންނުތަކުގެ މީހުން ބޭނުންވާ ކަމަށާއި، ގިނަ ވަސީލަތްތައް ހުރީ މާލެ ސަރަހައްދުގައި ކަމަށެވެ.
"މިފަދަ ބަލިމީހުންނަށް ބޭނުންވާ ތަފާތު ޓެސްޓުތަކާއި ދޭންޖެހޭ ފަރުވާތައް ޖަމާވެފައިވަނީ މާލެ ސަރަހައްދަށް ކަމަށް ވާތީ، މާލެ ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް އަޅަން މި ޖެހެނީ،" ޤީލާ ވިދާޅުވިއެވެ.
މި ހޮސްޕިޓަލް ފުރަތަމަ ގާއިމުކުރުމަށް ނިންމާފައި އޮތީ ލ. ގަމުގައެވެ. ނަމަވެސް، ބޭރުގެ ލޯނު އެހީ ހޯދުމުގެ މަރުހަލާ ދިގުލައިގެން ދިއުމާއި، މިކަމަކީ އަވަސް ހައްލެއް ބޭނުންވާ މައްސަލައަކަށް ވާތީ، ސަރުކާރުގެ ސީދާ ބަޖެޓުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އޭޕްރިލް މަހު ނިންމަވާފައެވެ.
ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ، ލޯނު އެހީގެ ދަށުން މި މަޝްރޫއު ކުރިއަށް ގެންދަން ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ޕްރޮސީޖާ ދިގުކަމުން މަސައްކަތް ލަސްވަމުންދާ ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ އަމާޒަކީ މިހާރު ހޯދަން މަސައްކަތްކުރި ލޯނު ފެސިލިޓީ ސިއްހީ ދާއިރާގެ އެހެން ކަމަކަށް ބަދަލުކޮށް، ދައުލަތުގެ ބަޖެޓުން މި ހޮސްޕިޓަލް އަވަހަށް ބިނާކުރުން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.