ދުނިޔެ
ހޫނު ގަދަވުމުގެ ސަބަބުން ފްރާންސުން 18 މީހަކު މަރުވެއްޖެ
ފްރާންސްގައި ހޫނު ގަދަވުމުން ކުޑަ ހިފައިގެން ތިބި ބައެއް. ފޮޓޯ: ރޮއިޓާސް
ހޫނު ގަދަވުމުގެ ސަބަބުން ފަރާންސުން އެކިގޮތްގޮތުން 18 މީހަކު މަރުވެއްޖެއެވެ. މީގެ ތެރޭގައި ކާރެއްގެ ތެރޭގައި ތިބި ދެ ކުޑަކުދިން ހިމެނެއެވެ.
މިއީ ޔޫރަޕަށް ހޫނު މުސުންކަމަށް ވާއިރު، މި ހަފްތާ ތެރޭގައި ކުރިން ރެކޯޑު ކުރެވިފައި ނުވާހާ މައްޗަށް ފިނިހޫނުމިން އުފުލިގެން ހިނގައިދާނޭ ކަމަށް އިނގެރޭސިވިލާތުން ލަފާކޮށްފައިވެއެވެ.
ހޫނު ގަދަވުމާއި ގުޅިގެން ފްރާންސްގެ ގިނަ ސުކޫލުތަކެއް ވަނީ ބަންދުކޮށްފައެވެ. އެގައުމުގެ ހުޅަނގުގައި އޮންނަ ބޮރްޑެއޮކްސް ސިޓީގެ ފިނިހޫނުމިން 41.9 ޑިގްރީ ސެލްޝިއަސްއަށް އަރާފައިވާއިރު، ފްރާންސްގެ މެދުތެރޭގައި އޮންނަ ސިޓީއެއް ކަމަށްވާ ޕޮލްޓިއާސް ގެ ފިނިހޫނުމިން 41.2 ޑިގްރީ ސެލްޝިއަސްއަށްވަނީ އަރާފައެވެ.
މިކަމާއި ގުޅިގެން މޫދަށްދާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، ގެނބިގެން މަރުވާ މީހުން އިތުރުވެފައިވާކަން ފްރާންސްގެ ކަމާބެހޭވުޒާރާތަކުން ހާމަކުރެއްވިއެވެ. އެ ޤައުމުގެ ސިވިލް ސޭފްޓީ ސާވިސްގެ ސްޕޯކްސް ޕާސަން ޖެރޯމް ބޮއުލެންގާ ވަނީ، ފަތަންދާއިރު، ރައްކާތެރިކަން ކަށަވަރުވާނެ ތަންތަނަށް ދިއުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މި ހަފްތާ ތެރޭގައި މިހާތަނަށް 13 މީހުން ގެނބިގެން މަރުވެފައިވާކަން އޭނާ ހާމަކުރެއްވިއެވެ.
ހޫނު ގަދަވުމުގެ ސަބަބުން މަރުވެފައިވަނީ އުމުރުން 2 އަހަރުގެ ކުއްޖަކާއި، 4 އަހަރުގެ ކުއްޖެއް ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ. އެ ކުދިން ދިރިއުޅޭ ގޭގެ ބޭރުގައި އޮތް ކާރުގައި ހޭނެތިފައި ތިއްބާ ފެނުނީ އެކުދިންގެ މަންމައަށެވެ. އަދި ފުރަތަމަ އެހީ ދިނުމަށް އެތަނަށް ދިޔަ މީހުނަށް އެކުދިން ސަލާމަތްކުރެވޭ ގޮތްވަނީ ނުވެފައެވެ.
މީގެ އިތުރުން އުމުރުން ދުވަސްވީ ތިން މީހަކު ހޫނު ގަދަވުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކަކާއި ގުޅިގެން މަރުވެފައިވާކަމަށް ފްރާންސްގެ ބޮރްޑެއޮކްސް ސިޓީގެ ލޯކަލް ގަވަމެންޓް އޮފިޝަލެއް ކަމަށްވާ ސޯފީ ބްރޮކަސް ވިދާޅުވިއެވެ.
ޔޫރަޕުގެ ފިނިހޫނުމިން ދުނިޔޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު ދެ ގުނަ އިތުރުކަމަށް، މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަނުން ވަނީ ހާމަކޮށްފައެވެ.