Ads by Farudhun

ޚަބަރު

އެސްޓީއޯގެ ބޭސްފިހާރަތައް 'ސްޓޭޓް ފާމާ' އަށް ބަދަލުކުރުމަށް މާދަމާއިން ފެށިގެން ބަންދުވާނެ

އެސްޓީއޯގެ ބޭސްފިހާރަތައް 'ސްޓޭޓް ފާމާ' އަށް ބަދަލުކުރުމަށް މާދަމާއިން ފެށިގެން ބަންދުވާނެ

އެސްޓީއޯ ފާމަސީއެއް---

farudhun logo

ފަރުދުން

23 ޖޫން 2026، 09:57

23 ޖޫން 2026، 09:57

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އަންނަ ބޭސްފިހާރަތަކުގެ ހިންގުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓް ފާމާ) އަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި އިދާރީ ބަދަލާ ގުޅިގެން ކުރަންޖެހޭ އިންވެންޓްރީ ނެގުމުގެ މަސައްކަތްތަކަށްޓަކައި، މާދަމާއިން ފެށިގެން އެސްޓީއޯގެ ބޭސްފިހާރަތައް ވަގުތީ ގޮތުން ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އެސްޓީއޯއިން ހާމަކުރި ގޮތުގައި، މި މަސައްކަތަށްޓަކައި ޖޫން މަހުގެ 24، 25 އަދި 26 މި ތިން ދުވަހު ބޭސްފިހާރަތައް ބަންދުވާނެއެވެ.

އިންވެންޓްރީ ނެގުމުގެ މަސައްކަތް ނިމި، ބޭސްފިހާރަތައް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހުން ފެށިގެން އެ ފިހާރަތަކުން ޚިދުމަތް ދެމުންދާނީ 'ސްޓޭޓް ފާމާ' ގެ ބޭސްފިހާރަތަކުގެ ގޮތުގައެވެ.

މި މުއްދަތުގައި ބޭސްފިހާރަތައް ބަންދުވި ނަމަވެސް، ކޮންމެހެން ބޭނުންވާ އިމަޖެންސީ ހާލަތްތަކުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ވަނީ ދީފައެވެ.

ސަރުކާރުން މި ބަދަލު ގެންނަން ނިންމާފައިވަނީ ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް ސަޕްލައިސް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެކަމަށް ޚާއްޞަ ކުންފުންޏެއްގެ ދަށުން އެ ޚިދުމަތްތައް ކުރިއަށް ގެންދިއުމުގެ މަގުސަދުގައެވެ.

މި ކުންފުންޏަކީ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450