Ads by Farudhun

ޚަބަރު

މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

ދޯންޏަކުން މަސްކިރުން / ފޮޓޯ: މިފްކޯ

farudhun logo

ފަރުދުން

24 ޖޫން 2026، 03:24

24 ޖޫން 2026، 03:24

މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށާއި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ހާމަކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރު ހަވާލުވެލެއްވިއިރު، މަސްވެރިން ކިރުވާފައިވާ މަހަށް ނުދެވި 250 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތް ކަމަށެވެ. ނަމަވެސް، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމުގެ ސިޔާސަތުގެ ދަށުން، މިއަހަރުގެ ޖޫން މަހާ ހަމައަށް 1.1 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިންގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ކުރިއަށްދާ މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ފެލިވަރުގައި ޤާއިމްކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ 78 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބޮޑު ކަންނެލީގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި، ހުޅުމާލޭގައި 100 ޓަނުގެ ޕެކިން ފެސިލިޓީއެއް ޤާއިމްކުރުމަށް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

އައިސް ލިބުމުގެ ދަތިކަން ޙައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، މި އަހަރުގެ ނިޔަލަށް މ. ވޭވަށުގައި 60 ޓަނުގެ އައިސް ޕްލާންޓެއް އަދި ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓަކުން ޚިދުމަތް ދޭން ފަށާނެއެވެ. މީގެ އިތުރުން، އަންނަ އަހަރުގެ ނިޔަލަށް އިތުރު 15 ރަށެއްގައި އައިސް ޕްލާންޓުތައް ބިނާކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.

މީގެއިތުރުން ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ތެލުގެ އަގަށް އަންނަ ބަދަލުތަކުން މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދެ އަތޮޅެއް ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅަކުން މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެއެވެ.

މަސްވެރިކަމުގެ ސިނާޢަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި، މަސްވެރިންނަށް މާލީ އަދި އިދާރީ ގޮތުން ހުރި ހުރަސްތައް ނައްތާލުމަކީ ސަރުކާރުގެ މުހިންމު އިސްކަމެއް ދޭ ކަމެއް ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް، މަސްވެރިންގެ ޖީބަށް ވަންނަ ފައިސާ އިތުރުކުރުމަށް ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450