ޚަބަރު
ފޮއްދޫ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
ނ. ފޮއްދޫގައި ކުރިއަށްދާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫގައި ޢިމާރާތްކުރާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓިސީސީ) އިން ހާމަކޮށްފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ އެތަނުގެ ފުރާޅުގެ ބީމްތަކަށް ބޭނުންވާ ފޯމް ވޯކްގެ މަސައްކަތް ކަމަށެވެ.
Project Update: N. Fohdhoo Fitness and Recreation Center Development
— MTCC Plc (@MTCCPlc) June 24, 2026
Form work for roof beam is currently ongoing at the project site.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/SWrfI8J78Q
ފޮއްދޫގައި އިމާރާތްކުރަމުން މި ދާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް މިދިޔަ އަހަރުގެ ޖުލައި މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ޚާއްޞަ ރަސްމިޔާތެއްގައެވެ. ބިންގާ އަޅުއްވާދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
މި ސެންޓަރުގެ ސަބަބުން ފޮއްދޫގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިވެ، އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި މިއީ ރަށުގެ އެއްބައިވަންތަކަން އިތުރުވެގެންދާނެކަމެއް ކަމަށް ލަފާކުރެވެއެވެ.
އެމްޓީސީސީއާއި ހަވާލުކުރެވިގެން ފޮއްދޫގައި އިތުރު ޕްރޮޖެކްޓުތައް ވެސް ދަނީ ހިންގަމުންނެވެ. އެގޮތުން އެ ރަށުގެ ބަނދަރު ޒާމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ފޮއްދޫ ޞިއްޙީ މަރުކަޒުގެ އާ ޢިމާރާތުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމަކީ ސަރުކާރުގެ އަމާޒެކެވެ.