ދުނިޔެ
ކޮލްކަތާގައި އިމާރާތްކުރަމުންދިޔަ ގުދަނެއްގެ ފުރާޅު ވެއްޓި 3 މީހަކު މަރުވެއްޖެ
ކޮލްކަތާގައި ހިނގި ހާދިސާގެ ތެރެއިން. ފޮޓޯ: އިންޓަނެޓް
އިންޑިޔާގެ ސިޓީއެއް ކަމަށްވާ ކޮލްކަތާގައި އިމާރާތްކުރަމުންދިޔަ ގުދަނެއްގެ ފުރާޅު ހަލާކުވެގެން ވެއްޓި 3 މީހަކު މަރުވެއްޖެއެވެ.
ތިން ބުރިއަށް ހަދަމުންގެންދިޔަ މި އިމާރާތުގެ ދަށުގައި، 40 ވަރަކަށް މީހުން ތާށިވެފައި އަދިވެސް ތިބިކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ. މި ހާދިސާ ހިނގުމުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އާންމުން ވަގުތުން ފެށިއެވެ. އަދި މައްސަލައިގެ ރިޕޯޓު ލިބުމުން، ފުލުހުންނާއި، އަލިފާން ނިއްވާ މީހުންގެ އިތުރުން ޑިޒާސްޓަރ މެނޭޖްމަންޓް ޓީމުތަކުން އެސަރަހައްދަށް ވަނީ ގޮސްފައެވެ.
ފުލުހުންނާއި ހަވާލާދީ ޓައިމްސް އޮފް އިންޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުން، މިހާދިސާގައި ތާށިވެފައިތިބި މީހުންގެ ތެރެއިން 4 މީހަކު ސަލާމަތްކޮށްފައިވާއިރު، ޒަޚަމުވެފައި ތިބި 11 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ކޮލްކަތާގެ ފުލުހުން ބުނި ގޮތުގައި އިމާރާތްކުރަމުންދިޔަ ގުދަނުގެ ފުރާޅު ވެއްޓިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރެއްހާއިރުއެވެ. އަދި އެ ހާދިސާ ހިނގި ވަގުތު އެތަނުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަކަމަށްވެސް ފުލުހުންބުނެއެވެ.
އެ ސަރަހައްދުގައި ހުރި ދަގަނޑު ހޮޅިތަކާއި ސާމާނުތައް ދުރުކުރުމަށް ޓަކައި މިހާރުވަނީ ކެރޭނާއި ބަރުމުދާ އުފުލުމަށް ބޭނުންކުރާ އިކުއިޕްމަންޓު ގެންގޮސްފައެވެ. އަދި އެސަރަހައްދުގައި މީހުން ހޯދުމާއި ސަލާމަތްކުރުމަށް ގިނަ އަދަދެއްގެ ޓީމުތަކެއް ދަނީ ހަރަކާތްތެރިވަމުންނެވެ.
ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ހޯދުމަށް މިހާރުވަނީ މަސައްކަތްތައް ފެށާފައެވެ. އަދި އިމާރާތުގެ ދަށުވި އެންމެން ސަލާމަތްކުރުމަށް ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.