Ads by Farudhun

ޚަބަރު

ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމަށް ކާނިވާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އަންގައިފި

ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމަށް ކާނިވާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އަންގައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން ފޮޓޯ: އެމްޓީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖޫން 2026، 12:55

25 ޖޫން 2026، 12:55

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށްޓަކައި ކާނިވާ ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ދިމާލުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، އަންނަ ބުދަ ދުވަހު ތާރު އަޅަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. ފުލުހުން ބުނި ގޮތުގައި، މި މަސައްކަތުގެ ތައްޔާރީތައް ފެށުމުގެ ގޮތުން މިރޭ 11:50 އިން ފެށިގެން ކާނިވާ ސަރަހައްދުން ތާރު އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު ބަންދުކުރާނެއެވެ. އަދި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ފުލުހުން ނަގަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މި ބަދަލާ ގުޅިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ފުލުހުން ވަނީ މާފަށް އެދިފައެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ ތާރު އެޅުމަށް ހަމަޖެހިފައިވަނީ ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހިސާބަށެވެ. ބާކީ ބައިގެ މަސައްކަތް ފަށާނީ ފުރަތަމަ ފޭސްގެ މަސައްކަތް އެއްކޮށް ނިމުމުންނެވެ.

ހެންވޭރު ޓާމިނަލުން ފެށިގެން ކާނިވާ ޕާކިން ޒޯނަށް ވަންނަ ސަރަހައްދު ވަގުތީގޮތުން ބަންދުކުރި ނަމަވެސް، އެ ޕާކިން ޒޯނުގެ އެތެރޭގައި ވެހިކަލް ޕާކުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، މަގުގެ މަސައްކަތް އެއްކޮށް ނިންމައި އަންނަ ޖުލައި މަހުގެ 26 ގެ ކުރިން އާންމުންނަށް ހުޅުވާލުމަކީ އަމާޒެއް ކަމަށެވެ.

މިދިޔަ މާޗު މަހުގެ 23 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެމްޓީސީސީން ބުނި ގޮތުގައި މިހާރު ވަނީ ފޭސް އެކެއްގެ ނަރުދަމާ އާއި، ފެން ލައިނާއި، މައި ފެން ހޮޅިލުމުގެ މަސައްކަތުގެ އިތުރުން ސްޓޯމްވޯޓާ ކެޗްޕިޓު އަދި ކޭބަލް ޖަންކްޝަނުގެ މަސައްކަތްތައް އެއްކޮށް ނިންމާލާފައެވެ.

ބޮޑުތަކުރުފާނު މަގު މި ސަރަހައްދު ތަރައްޤީކޮށް ނިންމާލުމާއެކު، މާލޭގެ އިރުމަތީ ފަރާތުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450