Ads by Farudhun

ޚަބަރު

ދާޢީންނާއި ވާޢިޡުންގެ ދިވެހިބަހުގެ ހުނަރު އިތުރުކުރުމަށް 'އާރުލާ މުވާސަލާތު' ޕްރޮގުރާމު ފަށައިފި

ދާޢީންނާއި ވާޢިޡުންގެ ދިވެހިބަހުގެ ހުނަރު އިތުރުކުރުމަށް 'އާރުލާ މުވާސަލާތު' ޕްރޮގުރާމު ފަށައިފި

'އާރުލާ މުވާސަލާތު' ޕްރޮގްރާމުގެ ތެރެއިން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

25 ޖޫން 2026، 02:14

25 ޖޫން 2026، 02:14

ދިވެހި ބަހުގެ އެކެޑަމީއާއި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ ގުޅިގެން، އެ ވުޒާރާގެ ދާޢީންނާއި ވާޢިޡުންގެ ދިވެހިބަހުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ޓަކައި 'އާރުލާ މުވާސަލާތު'  ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ. 

މި ޕްރޮގްރާމު ފަށާފައިވަނީ 23 ޖޫން 2026 ގައި، 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ގޮތަށް އެކަމަށް ޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައެވެ.

މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަގްސަދަކީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިސްލާމީ ދަޢުވަތުގެ މައިދާނަށް ތައްޔާރު، އަދި ކުރެވޭ މީޑިއާ އުފެއްދުންތަކާއި ޢާއްމުން ހޭލުންތެރިކުރުމަށް ދެވޭ ދަރުސުތައް މުއްސަނދިކުރުމެވެ. އަދި ހަމަ އެހެންމެ، ސާދާ ކަމާއި، ފަޞާޙަތްތެރި އަދި ބަލާޣާތްތެރި ހަމަތަކަށް ސަމާލުކަންދީ، ބަހުގެ މުހިންމު  އަސާސްތަކާއި އުޞޫލުތައް ހިފެހެއްޓުމަށް އެފަރާތްތަކަށް މަގުފަހިކޮށްދިނުމެވެ. 

 އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛާ ޙައްވާ ލަޠީފް ޝަރަފުވެރިކޮށް ދެއްވި މި ރަސްމިއްޔާތުގައި، ދިވެހިބަހުގެ އެކަޑެމީގެ ރައީސް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދާއި ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. 

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލްއުސްތާޛާ ޙައްވާ ލަޠީފް ވިދާޅުވީ، ކޮންމެ ނަބީބޭކަލަކުވެސް އެބޭކަލެއްގެ އުންމަތަށް ފޮނުއްވުނީ އެ ބަޔެއްގެ މާދަރީ ބަހުން ވާހަކަފުޅު ދައްކަވާ، މުޢާމަލާތްކުރައްވާ ބޭކަލެއްގެ ގޮތުގައި ކަމަށެވެ.  އަދި އެއީ ﷲ ގެ ރިސާލަތު މީސްތަކުންނަށް ސާފުކޮށް ބަޔާންކޮށްދެއްވުމަށް ޓަކައި އެކަލާނގެ މިންވަރުކުރެއްވި އެންމެ މަތިވެރި ގޮތްކަން  އޭނާ ފާހަގަކުރެއްވިއެވެ. ދީނީ ދަޢުވަތު ފޯރުކޮށްދިނުމުގައި މާދަރީ ބަހުގެ ބޭނުންތެރިކަން ވަރަށް ބޮޑުކަން ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަލްއުސްތާޛާ ޙައްވާ ލަޠީފް  ވަނީ  ވާއިޒެއްގެ ނުވަތަ ދާޢީ އެއްގެ އެންމެ ބާރުގަދަ ހަތިޔާރަކީ އޭނާ ބޭނުންކުރައްވާ ބަސްމަގުކަމަށް ވިދާޅުވެފައެވެ.

ދާޢީންނާކީ އިސްލާމްދީން ފެތުރުމަށާއި، ދީނުގެ ޢިލްމު އާންމުކޮށް، ހެޔޮކަމަށް ގޮވާލައި މުންކަރާތްތައް ނަހީކުރުމަށް މަސައްކަތްކުރާ ދީނީ ޢިލްމުވެރިން ނުވަތަ ދަޢުވަތު ދެއްވާ ފަރާތްތަކަށް ކިޔާ ނަމެކެވެ. އަދި ވާޢިޡުންނަކީ ދީނީ ނަސޭހަތްދޭ މީހުންނެވެ.

'އާރުލާ މުވާސަލާތު' ޕްރޮގުރާމުގައި ކިޔަވައިދެއްވަނީ ދިވެހި ބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450