ޚަބަރު
ގއ. ވިލިނގިލީގައި ޤާއިމްކުރާ ފަޔާރ ސްޓޭޝަންގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރައްމިއްޔާތު / ފޮޓޯ: އެމްއެންޑީއެފް
ގއ. ވިލިނގިލީގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަޔަރ ސްޓޭޝަނެއް ބިނާކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.
ބަންޑާރަކޮށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، މި މަސައްކަތުގެ އެއްބަސްވުމުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޢާޛު ޙަލީމެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޙަސަން ރިފާޢީ ބުޝްރީއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، ގއ. އަތޮޅުގައި އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނެއް ޤާއިމުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 550 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.
މި ރަސްމިއްޔާތުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ނާއިބު ފާޠިމަތު މިޒުނާ ޢަލީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ފަޔަރ އެންޑް ރެސްކިޔު ސަރވިސް ހިންގެވުމާ ހަވާލުވެހުންނެވި ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޠާހިރާއި، ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ނަޞީރުގެ އިތުރުން ދިފާޢީ ވުޒާރާއާއި އާރްޑީސީގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.