Ads by Farudhun

ޚަބަރު

މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" އިފްތިތާހުކޮށްފި

މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" އިފްތިތާހުކޮށްފި

ޔޫއެންގެ އެހީގެ ދަށުން ރާއްޖޭގައި ހަދާފައިވާ ގްރީން ހައުސް ފޮޓޯ: ޔޫއެން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖޫން 2026، 12:32

26 ޖޫން 2026، 12:32

މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ޤައުމީ ފެންވަރުގެ ލޯނު ޕްރޮގްރާމެއް ކަމަށްވާ "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި މަހުގެ 23 ވަނަ ދުވަހު މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޢަލީ ޝަރީފެވެ. "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" އަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި ޕްރޮގްރާމަކީ "އެންހާންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓް" ގެ ދަށުން ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެގޮތުން އެހީ ދޫކުރުމަށް ހަމަޖެހިފައިވާ ތިން ދާއިރާއަކީ:

  • ވަކިވަކި ފަރުދުންނަށް ދޫކުރާ ކުދި އެހީތައް.
  • މުޖުތަމަޢުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ އެހީ.
  • މުއައްސަސާތަކުން ހިންގާ ނަމޫނާ މަޝްރޫޢުތަކަށް ދޫކުރާ އެހީ.

މި ސްކީމްގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދަނޑުވެރިކަމާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ޑިޖިޓަލް އަދި ތިމާވެއްޓާ ރައްޓެހި އައު އީޖާދުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، އުފެއްދުންތެރިކަން އިތުރުކުރުމާއި، އުފެއްދުންތައް ބާޒާރަށް ނެރުމާއި މާކެޓްކުރުމުގެ އައު ގޮތްތައް ތަޢާރަފްކުރުމަށް ހިންގާ ހަރަކާތްތަކަށްވެސް މި ގްރާންޓުގެ އެހީ ލިބޭނެއެވެ.

ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ހުޅުވާލާފައިވަނީ ވަކިވަކި ފަރުދުންނަށް ދޫކުރާ ކުދި އެހީތަކަށެވެ. އެސްއެމްއީ ޑިޖިޓަލްއިން މަޢުލޫމާތު ދޭ ގޮތުގައި، މި ބުރުގައި 150 ފަރާތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. މީގެ ތެރެއިން އެންމެ އެކަށީގެންވާ 50 ފަރާތަކަށް ގްރާންޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 150 ހުށަހެޅުން ހަމަވުން ނުވަތަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މޫސުމީ ބަދަލުތަކަށް ހޭނިފައިވާ އީޖާދީ ޚިޔާލުތައް އަމަލީ ގޮތުން ތަންފީޒުކުރުމަށް ހުރި މާލީ ހުރަސްތައް ނައްތާލުމެވެ. އަދި އަމިއްލަ ފަރުދުންގެ ޤާބިލުކަން އިތުރުކޮށް، ރާއްޖޭގައި ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމެވެ.

މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު 23 ޖުލައި 2024 އިން ފެށިގެން އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓްގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢުގެ ދަށުން އެކި ފޭސްތަކަށް ބަހާލައިގެން ޖުމްލަ 300 ފަރާތަކަށް ގްރާންޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450