ދުނިޔެ
ކެރެލާގެ ދޮށީ އުމުރުގެ މީހުން އެކަނިވެރިވާތީ އެހީތެރިކަން ފޯރުކޮށްދޭން ޚާއްސަ އިދާރާއެއް އުފައްދައިފި
ކެރެލާގެ ދޮށީ އުމުރުގެ ދެމަފިރިން ފޮޓޯ: ބީބީސީ
އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކެރެލާގައި ދޮށީ އުމުރުގެ މީހުންގެ އާބާދީ އިތުރުވެ، އެމީހުން އެކަނިވެރިވަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ ސްޓޭޓްގެ ސަރުކާރުން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
މިގޮތުން، ކެރެލާ ސަރުކާރުން ވަނީ ދޮށީ އުމުރުގެ މީހުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރާނެ ޚާއްސަ ޑިޕާޓްމަންޓެއް އުފައްދާފައެވެ. މިއީ އިންޑިއާގެ ސްޓޭޓެއްގައި މިފަދަ އިދާރާއެއް އުފެއްދި ފުރަތަމަ ފަހަރެވެ.
މި މައްސަލަ ކުރިމަތިވާން މެދުވެރިވި މައިގަނޑު ސަބަބަކީ ކެރެލާގެ ޒުވާނުން ރަނގަޅު ވަޒީފާގެ ފުރުސަތުތައް ހޯދުމަށް ބޭރު ގައުމުތަކަށާއި އިންޑިއާގެ އެހެން ސިޓީތަކަށް ހިޖުރަކުރުމެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ދޮށީ އުމުރުގެ މައިންބަފައިން ގޭގައި އެކަނި ދިރިއުޅެން ވަނީ މަޖުބޫރުވެފައެވެ.
އުމުރުން 70 އަހަރުގެ ޓީ.އޯ ޑޮމިނިކްއާއި އޭނާގެ އަނބިމީހާ އެމް.ޖޭ މާރތާގެ ވާހަކައަކީ މީގެ ހިތްދަތި މިސާލެކެވެ. އެމީހުންގެ ދެ ފިރިހެން ދަރިންގެ ތެރެއިން އެކަކު ދިރިއުޅެނީ ކަރްނާޓަކާގައެވެ. އަނެކަކު އުޅެނީ މެދުއިރުމަތީގައެވެ.
އަހަރެމެން މިހާރު މުޅިންވެސް ބަރޯސާވަނީ އަވަށްޓެރިންނަށް. ދަރިންނަށް ޒިޔާރަތް ކުރެވެނީ ވަރަށް މަދުން،
ޑޮމިނިކް
ކެރެލާއަކީ އިންޑިއާގައި އެންމެ ހަލުވިކަމާއެކު އާބާދީ މުސްކުޅިވަމުންދާ ސްޓޭޓެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2036 ވަނަ އަހަރާ ހަމައަށްދާއިރު، އެ ސްޓޭޓްގެ އާބާދީގެ 22.8 އިންސައްތައަކީ 60 އަހަރުން މަތީގެ މީހުންނަށް ވާނެއެވެ. މިއީ މުޅި އިންޑިއާގެ އެވްރެޖް ކަމަށްވާ 14.9 އިންސައްތައަށްވުރެ މަތީ އަދަދެކެވެ.
އަލަށް އުފެއްދި ޑިޕާޓްމަންޓްގެ އިސްވެރިޔާ ޑރ. ރަތަން ކެލްކަރް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދޮށީ އުމުރުގެ މީހުން މުޖުތަމައުން އެކަހެރިނުކޮށް، އެމީހުންގެ އަމިއްލަ ގޭގައި ތިބެގެން ބޭނުންވާ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ. މީގެ ތެރޭގައި:
- ގޭގެއަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭނެ ތަމްރީނުލިބިފައިވާ "ކެއަރގިވަރުން" އުފެއްދުން.
- ދޮށީ އުމުރުގެ މީހުންނަށް ޚާއްސަ ޕާކުތަކާއި ފިޓްނަސް ސެންޓަރުތައް ބިނާކުރުން.
- އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން.
- މުޅި ސްޓޭޓްގައި ދޮށީ އުމުރުގެ މީހުންގެ ހާލަތު ބަލާ ސާވޭއެއް ކުރިއަށް ގެންދިއުން ހިމެނެއެވެ.
ބޭރު ގައުމުތަކުގައި މަސައްކަތްކުރާ ކެރެލާގެ ޒުވާނުން ބުނާގޮތުގައި، ގައުމަށް ފައިސާ ފޮނުވުނު ކަމުގައިވިޔަސް، މައިންބަފައިން ބަލިވުމުން ނުވަތަ އެހީއަކަށް ބޭނުންވާ ވަގުތު ކައިރީގައި ނުހުރެވުމަކީ ނުހަނު ބޮޑު ހިތާމައެއް ކަމަށެވެ. ކެރެލާ ސަރުކާރުގެ މި އާ އިސްނެގުމަކީ މިފަދަ އެތައް އާއިލާއަކަށް ލިބޭނެ ބޮޑު ތަސައްލީއެއް ކަމަށް ބެލެވެއެވެ.