ދުނިޔެ
ހޮރްމުޒް ކަނޑުއޮޅިން އުޅަނދުތައް ނެރުން މެދުކަނޑާލުމުން ތެލުގެ އަގަށް ބަދަލުތަކެއް އަތުވެއްޖެ
ގޭސް ސްޓޭޝަނަކުން މީހަކު ޚިދުމަތް ހޯދަނީ. ފޮޓޯ: ގެޓީ އިމޭޖްސް
ހޮރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެރުމަށް އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ކުރިއަށްގެންދިޔަ މަސައްކަތްތައް މެދުކަނޑާލުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމަށްފަހު އަލުން ތިރިވާން ފަށައިފިއެވެ.
އައިއެމްއޯ އިން މި ނިންމުން ނިންމީ އޮމާންގެ އައްސޭރިފަށާ ކައިރިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް އަމާޒުވި ހަމަލާއަކާ ގުޅިގެންނެވެ.
ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކުރޫޑްގެ އަގު ހުކުރު ދުވަހު ވަނީ 2 އިންސައްތައަށްވުރެ ބޮޑަށް ދަށަށް ގޮސްފައެވެ. މީގެކުރިން، ކަނޑުއޮޅީގައި ހިނގި ހަމަލާއާ ގުޅިގެން އަގު ވަނީ 4 އިންސައްތައަށް އުފުލިފައެވެ. އޮގަސްޓް މަހަށް ޑެލިވަރީ ކުރާ ބްރެންޓް ފިއުޗާސްގެ އަގު މިހާރު ހުރީ ފީފާއަކަށް 73.85 ޑޮލަރުގައެވެ. މިއީ މިދިޔަ ބުރާސްފަތި ދުވަހު އަގު ހުރި 76 ޑޮލަރަށްވުރެ ދަށް އަދަދެކެވެ.
މި ހަމަލާއާ ގުޅިގެން އޭޝިއާގެ ހިއްސާގެ ބާޒާރުތަކަށް ވެސް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. ޚާއްޞަކޮށް ދެކުނު ކޮރެއާގެ ކޮސްޕީ އިންޑެކްސް 5.8 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މެމޮރީ ޗިޕް އުފައްދާ ސެމްސަންގް އަދި އެސްކޭ ހައިނިކްސް ފަދަ ކުންފުނިތަކުގެ ހިއްސާގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. މީގެ އިތުރުން ޖަޕާނުގެ ނިކޭ އިންޑެކްސް 4 އިންސައްތަ އަދި ހޮންކޮންގްގެ ހޭންގް ސެންގް އިންޑެކްސް 1.7 އިންސައްތަ ދަށަށް ގޮސްފައިވެއެވެ.
އެމެރިކާގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި މި ހަމަލާގެ ފަހަތުގައި ވަނީ އީރާނެވެ. އީރާނުގެ ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީން ބުނެފައިވަނީ، ކަނޑުއޮޅިން ދަތުރުކުރާއިރު އެ ފަރާތުން ކަނޑައަޅާފައިވާ އުސޫލުތަކުން ބޭރުން ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތީ ކަންކަމަށް އެ ފަރާތުން ޒިންމާ ނުވާނެ ކަމަށެވެ. "ހުއްދަ ނޫން މަގުތަކުން ދަތުރުކުރުމުގެ ސަބަބުން ކުރިމަތިވާ އެންމެހައި ނަތީޖާތަކަށް ޒިންމާވާންޖެހޭނީ އުޅަނދުގެ ވެރިފަރާތާއި އޮޕަރޭޓަރުން،" އެ އޮތޯރިޓީން އެކްސްގައި ހާމަކޮށްފައިވެއެވެ.
މާކެޓް އެނަލިސްޓުން ފާހަގަކުރާ ގޮތުގައި، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި މުހިންމު ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަކީ ތެލުގެ ސަޕްލައި އާންމު ހާލަތަކަށް ގެނައުމަށް ކޮންމެހެން މުހިންމު ކަމެކެވެ. ސްޕާޓާގެ ސީނިއާ އެނަލިސްޓް ޖޫން ގޯ ވިދާޅުވީ، މި ހަމަލާއަކީ އެމެރިކާ އާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަމުގެ ތެރޭގައި ސަރަހައްދުގެ ސުލްހަ މަސަލަސްކަން އޮތީ ނާޒުކު ފަންފަޔެއްގެ މަތީގައިކަން ހަނދާންކޮށްދޭ ކަމެއް ކަމަށެވެ.