ޚަބަރު
ފުވައްމުލަކުގައި ބިނާ ކުރި ޤުރުއާނާ ބެހޭ މަރުކަޒު މިއަދު ހުޅުވައިފި
ފުވައްމުލަކުގައި ބިނާ ކުރި ޤުރުއާނާ ބެހެ މަޒުކަޒު. ފޮޓޯ: ވަޒީރު ޝަހީމް
ފުވައްމުލައް ސިޓީގައި ސަރުކާރުން އިމާރާތްކުރި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޯފި، މިއަދު ހަވީރު ރަސްމީކޮށް ހުޅުވައިފިއެވެ.
މި މަރުކަޒަކީ އެ ސިޓީގައި ދީނީ ޢިލްމާއި ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢެކެވެ.
މި އައު މަރުކަޒާއެކު ފުވައްމުލައް ސިޓީގައި ޤުރްއާން ހިފްޒުކުރުމުގެ ކްލާސްތައް އިތުރުކުރެވިގެންދާނެއެވެ. އަދި މިކަމަށް ބޭނުންވާ މުދައްރިސުން އިތުރުކޮށް، ޤުރުއާން އުނގަންނައިދިނުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ފުވައްމުލައް ސިޓީގައި ސަރުކާރުން ބިނާކުރަން ނިންމާފައިވާ އިސްލާމިކް ސެންޓަރުގެ މަޝްރޫޢުގެ ޑިޒައިން ކޮންސެޕްޓް މިހާރު ވަނީ ނިންމާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ކޮންސެޕްޓް މިހާރު ވަނީ ކޮމެންޓްތަކަށް ފުވައްމުލައް ސިޓީ ކައުންސިލަށް ފޮނުވާފައެވެ.
އިސްލާމިކް ސެންޓަރުގެ މަސައްކަތް ނިމުމުން، ޤުރުއާނާ ބެހޭ މަރުކަޒުގެ ޚިދުމަތްތައް އެ ސެންޓަރަށް ބަދަލުކުރެވޭނެއެވެ. އަދި މިހާރު ހުޅުވުނު ޤުރްއާން މަރުކަޒުގެ ބިނާ ވަގުފު ބިނާއަކަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބިނާ ކުއްޔަށް ދީގެން ލިބޭ ފައިސާ ޚަރަދުކުރުމަށް ނިންމާފައިވަނީ ފުވައްމުލައް ސިޓީގެ ދީނީ ކަންކަން ތަރައްޤީކުރުމަށެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ސަރުކާރުގެ ތަޞައްވުރަކީ މުޅި ރާއްޖޭގައި ޤުރުއާނުގެ ޢިލްމު ފުޅާކޮށް ޙާފިޒުން ބިނާކޮށް، ވަޤުފު މަޝްރޫޢުތައް އިތުރުކޮށް ދީނީ ކަންކަން ކުރިއެރުވުން" ކަމަށެވެ.
މި ފެށުނު މަސައްކަތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ޤުރުއާން އުނގަންނައިދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތްތަކެކެވެ.