ދުނިޔެ

ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކެއްގައި މަރުވި މީހުންގެ އަދަދު 900 އަރައިފި

ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކެއްގައި މަރުވި މީހުންގެ އަދަދު 900 އަރައިފި

ވެނެޒުއަލާއަށް އައި ބިން ހެލުން - ފޮޓޯ: ބީބީސީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

27 ޖޫން 2026، 10:55

27 ޖޫން 2026، 10:55

ވެނެޒުއޭލާގެ އުތުރު ސަރަހައްދުތަކަށް ބުދަ ދުވަހު އައި ބާރުގަދަ ދެ ބިންހެލުމެއްގައި މަރުވި މީހުންގެ އަދަދު 920 އަށް އަރައިފިއެވެ. މި ހާދިސާގައި 3,360 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ބައިނަލްއަގުވާމީ އެހީތެރިކަމާއެކު ދަނީ ކުރަމުންނެވެ.

ވެނެޒުއޭލާ ސަރުކާރުން ހާމަކުރި ގޮތުގައި، މި ބިންހެލުންތަކުގެ ތެރެއިން ދެވަނައަށް އައި ބިންހެލުމަކީ ފާއިތުވި 100 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ރެކްޓަރ މިންގަނޑުން 7.5 ގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން ވެރިރަށް ކަރަކަސް ހިމެނޭހެން ގިނަ ސިޓީތަކެއްގެ އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ.

އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކަރަކަސްގެ އުތުރުން އޮންނަ ލަ ގުއައިރާ ސަރަހައްދަށެވެ. އެ ސަރަހައްދުގެ ޝޮޕިންގ މޯލްތަކާއި، ހޮސްޕިޓަލްތަކާއި، އާންމުން ދިރިއުޅޭ އެތައް ސަތޭކަ އިމާރާތެއް ވަނީ ވެއްޓިފައެވެ. ގައުމީ މަޖިލީހުގެ ރައީސް ޚޯރްހޭ ރޮޑްރިގޭޒް ވިދާޅުވި ގޮތުގައި، އަދިވެސް 172 އަށްވުރެ ގިނަ މީހުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވެއެވެ.

ވެނެޒުއޭލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް ވިދާޅުވީ، ބިންހެލުމަށްފަހު މިހާތަނަށް 214 އަށްވުރެ ގިނަ ލޮޅުން އައިސްފައިވާ ކަމަށެވެ. އަދި ގައުމުގެ ސިއްހީ ނިޒާމު ބަލިކަށިވެފައި އޮތުމުގެ ސަބަބުން، ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ޑޮކްޓަރުން ބުނެއެވެ.

މި ކާރިސާއާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިނގިރޭސިވިލާތް، އެމެރިކާ، ނެދަލޭންޑްސް، މެކްސިކޯ އަދި ސްވިޒަލޭންޑުން ވަނީ ސަލާމަތްކުރާ ޓީމުތަކާއި ކާބޯތަކެތީގެ އެހީ ފޮނުވާފައެވެ. އެމެރިކާއިން ވަނީ 150 މިލިއަން ޑޮލަރުގެ އެހީއެއްވެސް އިއުލާންކޮށްފައެވެ.

ވެނެޒުއޭލާއަށް މި ބޮޑު ކާރިސާ ކުރިމަތިވެފައިވަނީ އެ ގައުމުގެ ސިޔާސީ އަދި އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ކުރީގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާގެ ބާރުގެ ދަށަށް ގެންދެވުނު ފަހުން، ގައުމުގެ ހިންގުން މިހާރު އޮތީ ވަގުތީ ސަރުކާރެއްގެ ދަށުގައެވެ.

މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޕޯޗުގަލް، ބްރެޒިލް އަދި ސްޕެއިންގެ ރައްޔިތުންވެސް ހިމެނޭކަން އެ ގައުމުތަކުގެ ޚާރިޖީ ވުޒާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދިވެސް ގިނަ ބަޔަކު ވީނުވީއެއް ނޭނގި ފެނިފައިނުވާތީ، މަރުވި މީހުންގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވުން އެކަށީގެންވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450