ޚަބަރު / ކުޅިވަރު
ޑެމްބެލޭގެ ހެޓްރިކާއެކު ނޯވޭއާއި ބައްދަލުކުރި މެޗު ފްރާންސް ކާމިޔާބުކޮށްފި
ފްރާންސާއި ނޯވޭ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ފީފާ
ފީފާ ވޯލްޑް ކަޕުގައި ފްރާންސާއި، ނޯވޭ ބައްދަލުކުރި މެޗު، ޑެމްބެލޭގެ ހެޓްރިކަކާ އެކު، 4-1 ގެ ނަތީޖާއަކުން ފްރާންސް ކާމިޔާބުކޮށްފިއެވެ.
ފްރާންސުގެ ތަރި ކިލިއަން އެމްބާޕޭއާއި، ނޯވޭގެ ތަރި އާރލިން ހާލަންޑުގެ ކުރިމަތިލުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި މި މެޗުގައި ހާލަންޑެއް ނުކުޅެއެވެ. އެ ޓީމު ދެވަނަ ބުރަށް ކޮލިފައިވެފައިވާކަން ޔަޤީންވެފައިވާތީ، ޓީމުގެ ފުރަތަމަ އެގާރައިގެ ގިނަ ކުޅުންތެރިން މެޗަށް އަރުވާފައެއްނުވެއެވެ.
ޑެމްބެލޭ ފްރާންސް ޓީމަށް ހެޓްރިކު ހަދައިދިނީ މެޗުގެ ފުރަތަމަ ހާފުގައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، އޭނާގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 7 ވަނަ މިނެޓުގައެވެ. މިއީ އެމްބާޕޭގެ އެސިސްޓަކުން ގޯލުގެ ތިރީކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅަކުން ޖެހި ލަނޑެކެވެ.
އޭނާގެ ދެވަނަ ލަނޑަކީ ވެސް އެމްބާޕޭގެ އެސިސްޓަކުން ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖެހި ލަނޑެކެވެ. މި ލަނޑު ޖަހާފައިވަނީ މެޗުގެ 20 ވަނަ މިނެޓުގައެވެ. ޑެމްބެލޭގެ ތިންވަނަ ލަނޑު ޖަހާފައިވަނީ 32 ވަނަ މިނެޓުގައެވެ. މިއާއެކު، އޭނާ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕުގެ ތާރީހުގައި، އެންމެ އަވަހަށް ހެޓްރިކު ހެދި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައަށް އަރާފައެވެ.
މީގެ ފަހުން ވެސް ފްރާންސްގެ ލަނޑެއް ފެނިގެން ގޮސްފައިވެއެވެ. ދެވަނަ ހާފުގެ އިތުރު މިނެޓުގައި މި ލަނޑު ޖަހާފައިވަނީ، ބާކޯލާ ހުރަސްކޮށްލި ބޯޅަ ބޮލުން ފޮނުވާލައިގެން ޑޫއޭއެވެ.
މެޗުގައި ނޯވޭގެ ހަމައެކަނި ލަނޑު ޖަހާދިނީ 21 ވަނަ މިނެޓުގައި، ތެލޯ އާސްގާޑްއެވެ.
ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގްރޫޕް 'އައި' ގެ އެއްވަނަ ޓީމުގެ ގޮތުގައި ފްރާންސް ދެވަނަ ބުރަށް ގޮސްފައިވާއިރު، ނޯވޭއިން ވެސް، ވަނީ ގްރޫޕުގެ ދެނަ ޓީމުގެ ގޮތުގައި ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ.