Ads by Farudhun

ޚަބަރު

ސަމްޕާ ސަރަޙައްދަށް ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އަޅުވަން އެންމެ ފަހު މުއްދަތު ދީފި

ސަމްޕާ ސަރަޙައްދަށް ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އަޅުވަން އެންމެ ފަހު މުއްދަތު ދީފި

ސަމްޕާ ސަރަހައްދުގައި މީހަކު ފީނަނީ.ފޮޓޯ: އިންޓާނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ނޮވެމްބަރު 2026، 03:29

28 ނޮވެމްބަރު 2026، 03:29

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ އެންމެ ބޮޑު ސަރަހައްދު ކަމަށްވާ ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިޔާ (ސަމްޕާ) އަށް ވަންނަ އުޅަނދުފަހަރުގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން އެންމެ ފަހު މުއްދަތު ދީފިއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ކުރި އިއުލާނެއްގައި ބުނީ، ސަމްޕާ ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ މެނޭޖްމަންޓް ޕްލޭނުގެ 12 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން، އެ ސަރަހައްދުގައި ސްނޯކަލިން އަދި ޑައިވިންއަށް މީހުން އުފުލާ އުޅަނދުފަހަރުގައި އަންނަ މަހުގެ 31 ގެ ކުރިން ޕްރޮޕެލާ ގާޑު ހަރުކުރަން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމަށްފަހު އެ ސަރަހައްދުގައި ފަތުރުވެރިން އުފުލުމުގައި ބޭނުންކުރެވޭނީ ޖެޓް އިންޖީނުލީ އުޅަނދު ނުވަތަ ޕްރޮޕެލާ ގާޑު ހަރުކޮށްފައިވާ އުޅަނދުފަހަރުތައް އެކަނި ކަމަށް ވެސް މިނިސްޓްރީން ހަނދާންކޮށްދީފައިވެއެވެ.

ސަމްޕާ ސަރަހައްދަށް ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އެޅުވުން މަޖުބޫރުކުރަން ނިންމައި ސަރުކާރުން ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އޭގެ ފަހުން އެކަން ފުރިހަމަކުރުމަށް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ވެސް ފުރުސަތު އިތުރުކޮށްދިނެވެ. އެ މުއްދަތު ހަމަވުމުން، އެ ސަރަހައްދަށް ވަނުމަށް ރަޖިސްޓްރީ ކޮށްދެވޭނީ ގާޑު އެޅުވުމަށްފަހު ހުށަހަޅާ އެޕްލިކޭޝަންތައް އެކަނި ކަމަށާއި، ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން ކުރިން ވަނީ ހާމަކޮށްފައެވެ.

އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދަކީ، ފެހުރިހި ކާނާ ހޯދުމަށް ރާއްޖޭގައި އެންމެ ގިނައިން ޖަމާވާ ސަރަހައްދެވެ. ގިނަ އަދަދެއްގެ ޓޫރިސްޓުން އެ ސަރަހައްދަށް ޒިޔާރަތްކުރަމުންދާއިރު، އުޅަނދުތަކުގެ ބުރަފަތިން ޖެހި ފެހުރިއްސަށާއި މޫދަށް އެރިއުޅޭ މީހުންނަށް އަނިޔާވެ ނުރައްކާތެރި ހާދިސާތައް ހިނގުން ވަނީ އާންމުވެފައެވެ. ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާ (އައިޔޫސީއެން) ގެ ރެޑް ލިސްޓުގައި ޖުލައި 2016 ގައި ފެހުރިހި ހިމަނާފައިވަނީ ދުނިޔެއިން ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުމެއްގެ ގޮތުގައެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން 2009 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ސަމްޕާ ސަރަހައްދުގެ މެނޭޖްމަންޓް ޕްލޭނުގައިވާ ގޮތުން، އެ ސަރަހައްދުގެ މޫދަށް އެއްފަހަރާ އެންމެ ގިނަވެގެން ވެސް ފައިބައިގެން އުޅެވޭނީ 60 މީހުންނަށެވެ. އަދި އެއްފަހަރާ މީހުން ބޭލޭނީ އެންމެ ކައިރީގައި އޮންނަ ހަތަރު އުޅަނދަކުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450