ކުޅިވަރު

ހިންނަވަރުގައި ކުކުޅު ހިފުމުގެ މުބާރާތެއް ބާއްވައިފި

ހިންނަވަރުގައި ކުކުޅު ހިފުމުގެ މުބާރާތެއް ބާއްވައިފި

ކުކުޅު ހިފުމަށް ޓީމަކުން މަސައްކަތް ކުރަނީ / ފޮޓޯ: ފަރުދުން

farudhun logo

ފަރުދުން

27 ޖޫން 2026، 08:30

27 ޖޫން 2026، 08:30

ޅ. ހިންނަވަރުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގުސަދުގައި އެ ރަށުގައި ކުކުޅު ހިފުމުގެ މުބާރާތެއް މިއަދު ބާއްވައިފިއެވެ.

މި މުބާރާތަކީ އޯވޯ ކުންފުންޏާއި، މީރުދޯ ފިހާރަ އަދި ހިންނަވަރުގެ ޖަމްޢިއްޔާއެއްކަމަށްވާ "ދަ ފެންޓަސީ" ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހިންނަވަރު އުތުރު އަވަށުގައި މިކަމަށްޓަކައި ހާއްސަކޮށް ތައްޔާރުކުރެވުނު ސަރަހައްދެއްގައެވެ.

މި ކުޅިވަރު އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އޯވޯ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދީބު އުމަރު ވިދާޅުވީ، މިއީ އެ ރަށުގެ މުޖުތަމަޢުގައި އޮތް އެއްބައިވަންތަކަން އިތުރުކޮށް، ރައްޔިތުންނަށް އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމަށް ބޭއްވި ހަރަކާތެއް ކަމަށެވެ. އޯވޯއަކީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ހިންނަވަރުގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.

ފިރިހެން ޓީމަކުން ކުކުޅު ހޯދަނީ / ފޮޓޯ: ފަރުދުން

އަންހެން އަދި ފިރިހެން ޓީމުތަކަށް ވަކިން ބޭއްވި މި މުބާރާތުގައި، އަންހެން ދެ ޓީމަކާއި ފިރިހެން ދެ ޓީމަކުން ބައިވެރިވިއެވެ. މުބާރާތުގެ ގަވާއިދު އޮތްގޮތުން، ކޮންމެ ޓީމަކުން ވެސް ކުކުޅު ހިފުމަށް ކަނުބަނދެގެން ކޮށްޓަށް ވަދެވޭނީ ހަތަރު މީހުންނަށެވެ. ކޮށި ތެރެއަށް ދެ ކުކުޅު ދޫކޮށްލާފައިވާއިރު، އެ ތަނުން ކުކުޅެއް ހިފުމަށް ކޮންމެ ޓީމަކަށް ވެސް ލިބެނީ ގިނަވެގެން 10 މިނެޓެވެ. މުބާރާތުން މޮޅުވާ ޓީމެއްގެ ގޮތުގައި ކަނޑައަޅަނީ އެންމެ އަވަހަށް ކުކުޅު ހިފޭ ޓީމެކެވެ.

ކުޅިބަލަން އެއްވި މީހުންނަށް އުފާވެރި ވަގުތުތަކެއް ގެނެސްދިނުމަށްފަހު އަންހެން އަދި ފިރިހެން ބައިން ޗެމްޕިއަންކަން ހޯދި ޓީމުތަކަށް ވަނީ އިނާމެއްގެ ގޮތުގައި 2,000 ރުފިޔާ ދީފައެވެ. އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން މި ހަރަކާތް ބަލާލުމަށް އެ ސަރަހައްދަށް އެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450