ޚަބަރު
ހިމަބިހި ފެތުރުން ހުއްޓުވުމަށް އާއްމުކޮށް ހުޅުވާލައިގެން ވެކްސިން ދޭން ފަށައިފި
އެމްއެމްއާރް ވެެކްސިން ފޮޓޯ: ގޫގުލް
ރާއްޖޭގައި ހިމަބިހި (މީސަލްސް) ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އާއްމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.
މިއަހަރުގެ މޭ މަހުން ފެށިގެން ރާއްޖޭގައި ހިމަބިހީގެ "އައުޓްބްރޭކެއް" ފާހަގަކުރެވިފައިވާއިރު، އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް މި ބަލީގެ 22 ކޭސް ވަނީ ފެނިފައެވެ. މީގެ ތެރެއިން ދެ ކޭސް ފެނިފައިވަނީ ވޭތުވެދިޔަ ހަފްތާގެ ތެރޭގައެވެ. ހިމަބިއްސަކީ ރާއްޖެއިން ނައްތާލާފައިވާ ބައްޔަކަށް ވީނަމަވެސް، މިހާރު ފެންނަމުންދާ ކޭސްތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިންނެވެ. މި ބައްޔާ ގުޅިގެން ޖުމުލަ 543 ކޮންޓެކްޓުން ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން 173 މީހަކު އެކްޓިވް ކޮންޓެކްޓުންގެ ގޮތުގައި ދަނީ މޮނިޓަރު ކުރަމުންނެވެ.
މިހާރު ފަށާފައިވާ އެމް.އާރް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ:
- ފުރަތަމަ މަރުހަލާ: ޖޫން 28 އިން 30 އަށް ކުރިއަށްދާ މި މަރުހަލާގައި ވެކްސިން ދެވޭނީ ޞިއްޙީ ޚިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ ކުދިންނަށެވެ.
- ދެވަނަ މަރުހަލާ: ޖޫން 30 އިން ފެށިގެން ކުރިއަށްދާ މި މަރުހަލާގެ އަމާޒަކީ 30 އަހަރުން ދަށުގެ، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކެވެ.
- ތިންވަނަ މަރުހަލާ: 49 އަހަރުން ދަށުގެ، ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.
މާލެ ސަރަހައްދުގައި ވެކްސިން ދޭނެ ތަންތަނާއި ގަޑިތައް އެޗްޕީއޭގެ ސޯޝަލް މީޑިއާގައި މިހާރު ވަނީ އާއްމުކޮށްފައެވެ. އަދި އަތޮޅުތަކުގައި ވެކްސިން ދިނުމުގެ އިންތިޒާމުތައް އެ ރަށެއްގެ ޞިއްޙީ މަރުކަޒުތަކުން ވަކިން އިޢުލާނު ކުރާނެއެވެ.
ބަލި ފެތުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ބައްޔަށް ޕޮޒިޓިވްވި މީހުންނާ ބައްދަލުވި (ކޮންޓެކްޓްވި) މީހުންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ 220 މީހަކަށް މިހާރު ވަނީ ވެކްސިން ދީފައެވެ. އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ 1,537 ޞިއްޙީ ޚިދުމަތްތެރިންނަށްވެސް ވަނީ ވެކްސިން ދީފައެވެ.
އެޗްޕީއޭއިން އިތުރަށް ވިދާޅުވީ، ބަލި ދެނެގަތުމުގެ "ސަވައިލަންސް" މަސައްކަތްތައް ހަރުދަނާކޮށް، ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރުމުގެ އިތުރުން، އާއްމުން ހޭލުންތެރިކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށެވެ.
މާލެ ސަރަޙައްދުގައި އެމްއާރު ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ތަންތަނާއި ގަޑިތައް؛
— Health Protection Agency (@HPA_MV) June 28, 2026
ފޭސްތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސިއްޙީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް. މި އުމުރު ފުރާއަށް… pic.twitter.com/bnOr0CtweZ