ދުނިޔެ
ފްރާންސަށް ކުރިމަތިވި ހީޓްވޭވްގައި 1,000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ފްރާންސް ގެ އައިފަލް ޓަވަރ ކައިރި
ފާއިތުވި ދުވަސްތަކުގައި ފްރާންސަށާއި ހުޅަނގު ޔޫރަޕްގެ ގިނަ ސަރަހައްދުތަކަށް ކުރިމަތިވި އާދަޔާ ހިލާފަށް ހޫނުގަދަ މޫސުމުގެ ސަބަބުން، އެ ގައުމުން 1,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ފްރާންސްގެ ސިއްހީ އިދާރާތަކުން ހާމަކޮށްފިއެވެ.
ފްރާންސްގެ ޕަބްލިކް ހެލްތު އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ބެލި ބެލުމުން، އާންމުކޮށް މަރުވާ މިންވަރަށް ވުރެ އިތުރަށް 1,000 މީހުން މަރުވެފައިވާ ކަމަށެވެ. މީގެ ތެރެއިން %85 އަކީ އުމުރުން 65 އަހަރުން މަތީގެ މީހުންކަން އެ އިދާރާއިން ފާހަގަކުރެއެވެ.
މި ހޫނުގަދަވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހޫނުމިން މަތިވުމުގެ ސަބަބުން 'ރެޑް އެލާޓް' ނެރެފައިވާ ސަރަހައްދުތަކަށެވެ. ޚާއްސަކޮށް ވެރިރަށް ޕެރިސް ހިމެނޭ އިލް-ޑި-ފްރާންސް ސަރަހައްދުގައި، ގޭގައި ތިއްބާ މަރުވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މިހާރު ހާމަކޮށްފައިވާ އަދަދުތަކަކީ ވަގުތީ ހިސާބުތަކެކެވެ. އަދި އަސްލު މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށްވެސް އެ އެޖެންސީން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ސިއްހީ މާހިރުން ވަނީ، އެކަނިވެރިކޮށް ދިރިއުޅޭ މީހުންނާއި، ހާއްސަކޮށް ތޮއްޖެހިފައިވާ ސިޓީތަކުގައި ދިރިއުޅޭ އިސްރަށްވެހިންގެ ހާލު ބެލުމުގެ މުހިންމުކަން ހަނދާންކޮށްދީފައެވެ. ގިނަ ސަރަހައްދުތަކެއްގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިޔުމަށްފަހު، އާދީއްތަ ދުވަހުން ފެށިގެން ފްރާންސްގެ ހޫނުމިން ވަނީ ދަށްވާން ފަށާފައެވެ.