ދުނިޔެ
ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1400 އަށްވުރެ މައްޗަށް އަރައިފި
ވެނެޒުއޭލާގެ ބިންހެލުމުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް
ވެނެޒުއޭލާގެ އުތުރު ސަރަހައްދުތަކަށް ބުދަ ދުވަހު އައި ބާރުގަދަ ދެ ބިންހެލުމެއްގައި މަރުވި މީހުންގެ އަދަދު 1400 އަށްވުރެ މައްޗަށް އަރައިފިއެވެ. މިއީ ލާ ގުއިރާ އާއި ކަރަކަސް ގެ ބައެއް ސަރަހައްދުތަކުގައި ރެސްކިއު ޓީމުތަކުން ހަރަކާތްތެރިވުމަށްފަހު ލިބިގެންދިޔަ އަޕްޑޭޓެކެވެ.
އެ ސަރަހައްދުތަކުގައި ޢާއިލާތަކާއި ވޮލަންޓިއަރުން ދިރިތިބި މީހުންނާއި މަރުވެފައި ތިބި މީހުންގެ ހަށިތައް ނެރުމުގެ މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއްވެފައިވާއިރު، ހެވީ އިކުއިޕްމަންޓާއި މެޝިނަރީ މަދުވުމުގެ ޝަކުވާއާއި ރަސްމީ އެހީތެރިކަން ލިބޭ މިންވަރު ކުޑަވުމުގެ ޝަކުވާތައްހުރި ކަމަށް ރޮއިޓާސްގައި ރިޕޯޓުކޮށްފައިވެއެވެ. އަދި ބައެއް ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ލްސްކަމެއް އުޅޭކަމަށް ބައެއް ރައްޔިތުން ވަނީ ބުނެފައެވެ.
އޮފިޝަލުން ބުނާ ގޮތުގައި މިހާރު 1600 އަށްވުރެ ގިނަ މީހުން އެހެން ގައުމުތަކުންވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އައިސްފައެވެ. މީގެ އިތުރުން އަދިވެސް އެހެން ޓީމުތައް އަންނަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.
އެ ގައުމުގެ އިދާރާތަކުން ވަނީ ލަ ގުއައިރާ ސަރަހައްދު ބަންދުކޮށްފައެވެ. އަދި އިމަޖެންސީ އުޅުނދުތައް ލަސްވެދާނިތީ ކަރަކަސްއަށް ދާ މައިގަނޑު މަގުތައް ވެސް ވަނީ ބަނދުކޮށްފައެވެ.
މި ބިންހެލުންތަކުގެ ތެރެއިން ދެވަނައަށް އައި ބިންހެލުމަކީ ފާއިތުވި 100 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުންކަން ވެނެޒުއޭލާގެ ސަރުކާރުން ހާމަކޮށްފައިވާއިރު، ބިންހެލުމުގެ ސަބަބުން ވެރިރަށް ކަރަކަސް ހިމެނޭހެން ގިނަ ސިޓީތަކެއްގެ އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ.
މި ހާދިސާއާއި ގުޅިގެން ވެނެޒުއޭލާއަށް ބައިނަލްއަގުވާމީ ރެޑް ކްރޮސް އިން 2.5 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިއީ އެ ގައުމުގެ އިގްތިސާދު ހީނަރުވެފައިވާ ދަނޑިވަޅެއްގައި ދިމާވި ކާރިސާއެކެވެ.