ދުނިޔެ

ދުނިޔޭގެ އެންމެ މަގުބޫލު މުސްލިމް ފަތުރުވެރިކަމުގެ މަންޒިލަށް ވުމަށް އިންޑޮނޭޝިޔާއިން އަމާޒު ހިފައިފި

ދުނިޔޭގެ އެންމެ މަގުބޫލު މުސްލިމް ފަތުރުވެރިކަމުގެ މަންޒިލަށް ވުމަށް އިންޑޮނޭޝިޔާއިން އަމާޒު ހިފައިފި

އިންޑޮނޭޝިއާ ފޮޓޯ: ގޫގުލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖޫން 2026، 02:19

28 ޖޫން 2026، 02:19

ދުނިޔޭގެ މުސްލިމް ފަތުރުވެރިކަމުގެ މާކެޓުގައި އެއްވަނަ ހޯދުމުގެ އަޒުމުގައި، "މުސްލިމް-ފްރެންޑްލީ" މަންޒިލްތައް އިތުރަށް ތަރައްގީކޮށް އިޝްތިހާރު ކުރުމުގެ މަސައްކަތް އިންޑޮނޭޝިޔާގެ ސަރުކާރުން ވަރުގަދަކޮށްފިއެވެ.

މި އަހަރު ނެރުނު "މާސްޓަރކާޑް-ކްރެސެންޓް ރޭޓިންގ ގްލޯބަލް މުސްލިމް ޓްރެވަލް އިންޑެކްސް" (GMTI) ގައި އިންޑޮނޭޝިޔާ ވަނީ ތިން ދަރަޖަ ކުރިއަށް ޖެހިލައި، ދުނިޔޭގެ ދެވަނަ މަގާމު ހޯދާފައެވެ. މި މަގާމު އެ ގައުމުން ހިއްސާކުރަނީ ސައުދީ އަރަބިއްޔާ އަދި ތުރުކީއާ އެކުގައެވެ. މި ލިސްޓުގެ އެއްވަނައިގައި އަދިވެސް އޮތީ މެލޭޝިޔާއެވެ.

އިންޑޮނޭޝިޔާގެ މި ކުރިއެރުމާ ގުޅޭގޮތުން އެ ގައުމުގެ މިނިސްޓްރީ އޮފް ޓޫރިޒަމުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުސްލިމް ފަތުރުވެރިންނަށް ބޭނުންވާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ދާއިރާގެ އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރާނެ ކަމަށެވެ. ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި ސްމާޓް ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތްތައް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މި ހަފްތާގައި ޖަކާޓާގައި ކުރިއަށްދާ "އިންޓަނޭޝަނަލް އިސްލާމިކް އެކްސްޕޯ 2026" އަކީ ވެސް ހަލާލް ޓޫރިޒަމް ކުރިއެރުވުމަށް އެ ގައުމުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ. އަންދާސީ ހިސާބުތަކުން ދައްކާގޮތުގައި 2030 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ މުސްލިމް ފަތުރުވެރިކަމުގެ ބާޒާރުގައި 262 މިލިއަން ފަތުރުވެރިން ދަތުރުކުރާނެ ކަމަށް ބެލެވެއެވެ. އަދި މި ދާއިރާގެ އަހަރީ ޚަރަދު 310 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

އިންޑޮނޭޝިޔާގެ ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅެއް ކަމަށްވާ ވިންސެންސިއަސް ޖެމާޑޫ ވިދާޅުވި ގޮތުގައި، އެ ގައުމުގެ ދެން އޮތް އަމާޒަކީ ދުނިޔޭގެ އެއްވަނަ މަންޒިލަށް ވުމެވެ. މި މަގްސަދުގައި ވެސްޓް ސުމަޓްރާ، ލޮމްބޮކް، ބަންޓެން އަދި އީސްޓް ޖާވާ ފަދަ ސަރަހައްދުތަކަކީ މުސްލިމް ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލްތަކުގެ ގޮތުގައި ދަނީ އިޝްތިހާރު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450