ދުނިޔެ
ބެއިޖިންގެ އެންމެ އުސް އިމާރާތުގައި މަތިންދާބޯޓެއް ޖެހި ޕައިލެޓް މަރުވެއްޖެ
ސިޓިކް ޓަވަރު ފޮޓޯ: ސީއެންއެން
ޗައިނާގެ ވެރިރަށް ބެއިޖިންގެ އެންމެ އުސް އިމާރާތުގައި ކުޑަ މަތިންދާބޯޓެއް ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، އެ ބޯޓު ދުއްވަން އިން ޕައިލެޓް މަރުވެ، އިތުރު 13 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.
ބެއިޖިންގެ ޗައޯޔަންގް ޑިސްޓްރިކްޓްގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ އިރުއޮއްސި 5:55 އެހާއިރުއެވެ. ދެ މީހުންގެ ޖާގަ އޮންނަ މި ކުޑަ މަތިންދާބޯޓު ގޮސް ޖެހިފައިވަނީ ބެއިޖިންގެ "އީސްޓް ތާރޑް ރިންގް ރޯޑް" ކައިރީގައި ހުންނަ، 528 މީޓަރު (1,732 ފޫޓު) އުސް "ސިޓިކް ޓަވަރު" ނުވަތަ "ޗައިނާ ޒުން" ގައެވެ. މިއީ ބެއިޖިންގައި ހުރި އެންމެ އުސް އިމާރާތެވެ.
މި ހާދިސާގައި މަރުވެފައިވަނީ ބޯޓުގައި އިން ހަމައެކަނި މީހާ ކަމަށްވާ ޕައިލެޓެވެ. އަދި އަނިޔާވި 13 މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް އެމީހުންނަށް އަނިޔާވީ އިމާރާތުގެ ތެރޭގައި ތިއްބާ ކަމެއް ނުވަތަ ބޯޓު ޖެހުމުގެ ސަބަބުން ބޭރަށް ބުރައިގެންދިޔަ ބައިތަކުން ކަމެއް ކަމާބެހޭ ފަރާތްތަކުން ހާމައެއް ނުކުރެއެވެ.
ފްލައިޓް ޓްރެކިންގް ޚިދުމަތްދޭ "ފްލައިޓްރޭޑާ24" އިން ބުނި ގޮތުގައި، މި ބޯޓަކީ 'ސަންވާޑް އެސް.އޭ 60އެލް އައުރޯރާ' މަރުކާގެ ބޯޓެކެވެ. މި ބޯޓު ދަތުރު ފެށީ ބެއިޖިންގެ އިރުމަތިން 50 ކިލޯމީޓަރު ދުރުގައި އޮންނަ އެއާޕޯޓަކުންނެވެ. އަދި ބޯޓުގެ ދަތުރުގެ މަގު މެދުކެނޑިފައިވަނީ ސިޓިކް ޓަވަރު ހުންނަ ސަރަހައްދުންނެވެ. ހޮނިހިރު ދުވަހު ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އިމާރާތުގެ ބިއްލޫރިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބާގަނޑެއް ހެދިފައިވެއެވެ.
މި ހާދިސާ ހިނގި ސަރަހައްދަކީ ޗައިނާގެ އެންމެ މަތީ ލީޑަޝިޕްގެ މައި މަރުކަޒު ކަމަށްވާ "ޒޮންގްނަންހައި" އާއި "ފޮރބިޑަން ސިޓީ" އާ ވަރަށް ކައިރި ސަރަހައްދެކެވެ. މިއީ ވައިގެ ދަތުރުފަތުރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ސަރަހައްދެކެވެ.
ހާދިސާއާ ގުޅޭ މަޢުލޫމާތާއި ފޮޓޯތައް ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ސަރުކާރުން ވަނީ ފޮހެލާފައެވެ. ނަމަވެސް، ބޭރުގެ މީޑިއާތަކުގައި މި ހާދިސާގެ ވީޑިއޯތަކާއި ފޮޓޯތައް ދަނީ ދައުރުވަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ތަޙުޤީޤެއް ފަށާފައެވެ.