ދުނިޔެ

ޗައިނާއިން 83 ބިލިއަން އެމެރިކާ ޑޮލަރުގެ ރަން ހޯދައިފި

ޗައިނާއިން 83 ބިލިއަން އެމެރިކާ ޑޮލަރުގެ ރަން ހޯދައިފި

ޗައިނާއިން ރަން ހޯދުން ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ނޮވެމްބަރު 2024، 10:08

30 ނޮވެމްބަރު 2024، 10:08

ޗައިނާގެ ހުނާން ޕްރޮވިންސްގެ ޕިންޖިއާންގ ކައުންޓީގައި ދުނިޔޭގެ އެންމެ ބޮޑު ރަން ފަށަލަ ހޯދިފައިވާ ކަމަށް ޗައިނާއިން ބުނެފިއެވެ. މި ފަށަލައިގެ އަގު 80 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވެއެވެ.

ހުނާން ޖިއޮލޮޖިކަލް ބިއުރޯއިން ބުނާ ގޮތުގައި، ބިމުގެ އެއް މޭލު އަޑިން 40 ރަން ފަށަލަ ފެނިފައިވެއެވެ. ޖިއޮލޮޖިސްޓުން ބުނާ ގޮތުގައި މި ފަށަލަތަކުގައި 300 ޓަނުގެ ރަން ހުރެދާނެއެވެ. އަދި މީގެ އިތުރުން އަޑީގައި އިތުރު ރަން ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ޖިއޮލޮޖިސްޓް ޗެން ރުލިން ވިދާޅުވި ގޮތުގައި، ކޮނެގެން ނެގުނު ގިނަ ހިލަތަކުގައި ރަން ފެންނަން ހުއްޓެވެ. މުޅި ސަރަޙައްދުގައި ޖުމްލަ 1،000 މެޓްރިކް ޓަނުގެ ރަން ހުރެދާނެ ކަމަށް ލަފާކުރެވެއެވެ. މިހާރުގެ މާކެޓް އަގުން މިއީ 600 ބިލިއަން ޔުއާން (ގާތްގަނޑަކަށް 83 ބިލިއަން އެމެރިކާ ޑޮލަރު) އަށްވުރެ ގިނަ އަދަދެކެވެ.

މި ހޯދުމާ ގުޅިގެން ދުނިޔޭގެ ރަނުގެ އަގު މައްޗަށް ގޮސްފައިވެއެވެ. ނަމަވެސް، މިހާރު ދުނިޔޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން، މީގެ ދިގު މުއްދަތުގެ އަސަރު ދުނިޔޭގެ މާކެޓަށް ކުރާނެ ގޮތް އަދި ސާފެއް ނޫނެވެ.

ހުނާން ޕްރޮވިންޝަލް ޖިއޮލޮޖިކަލް އިންސްޓިޓިއުޓުން ބުނާ ގޮތުގައި މި ހޯދުމަކީ ޤައުމުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ.

ޗައިނާއަކީ މިހާރުވެސް ދުނިޔޭގެ ރަން އުފެއްދުމުގެ 10 އިންސައްތަ އުފައްދާ ޤައުމެވެ. އަދި 2024 ގެ ކުރީކޮޅުގެ ހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާގައި 2،000 ޓަނަށްވުރެ ގިނަ ރަން ރިޒަރވްގެ ގޮތުގައި ހުއްޓެވެ. މީގެ އިތުރުން، އިލެކްޓްރޯނިކްސް އަދި ބެޓެރީ އުފެއްދުމަށް ބޭނުންކުރާ އަގުބޮޑު މަޢުދަންތައް އުފެއްދުމުގައިވެސް ޗައިނާއަކީ ކުރީ ސަފުގައިވާ ޤައުމެކެވެ.
                    

މި ލިޔުން ކިޔާލުމުން