ޚަބަރު
ހުޅުމާލެ ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް ނަރސިންގެ ޚިދުމަތް ދޭން ފަށައިފި
ހުޅުމާލެ ހޮސްޕިޓަލްގައި އައުޓްޕޭޝަންޓް ނާރސިންގ ޚިދުމަތް ދޭން ފެށުން. ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް ނަރސިންގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މިއީ އާންމުކޮށް ބޭނުންވާ ނާރސިންގެ ފަރުވާތައް ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ތަޢާރަފުކުރެވުނު ޚިދުމަތެއް ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެވެ. މި އައު ޚިދުމަތުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމުގެ އިތުރަށް ބަލި މީހުން ބޭނުންވާ ބައެއް ޚިދުމަތްތައް މާ ބޮޑު ތަކުލީފެއް ނެތި ލިބިގެންދާނެއެވެ.
ލިބިގެންދާނެ މުހިންމު ޚިދުމަތްތައް
އައުޓްޕޭޝަންޓް ނަރސިންގެ ޚިދުމަތުގެ ދަށުން ބަލިމީހުންނަށް ގިނަ ފަރުވާތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
އިންޖެކްޝަން ޖެހުމާއި ބޭސްއެޅުން
އާވި އަރުވައިދިނުން (Nebulization)
ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބަލައިދިނުން
ހަކުރު ބަލައިދިނުން
ލޭ ނެގުމާއި ލޭ ހަދިޔާކުރުމުގެ ޚިދުމަތް

ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ އެ ހޮސްޕިޓަލުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް، ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އަދި އަޅާލުމާ އޯގާތެރިކަމާއެކު ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދޭ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ފޯރުކޮށްދިނުމަކީ އެ ހޮސްޕިޓަލުގެ މައިގަނޑު މަޤްޞަދެއް ކަމަށްވެސް އެ ހޮސްޕިޓަލުން ފާހަގަކުރެއްވިއެވެ.