Ads by Farudhun

ޚަބަރު

ޑްރޯން ފަސްޓް ރެސްޕޮންޑަރ' ޚިދުމަތް އަންނަ އަހަރު ފަށަނީ

ޑްރޯން ފަސްޓް ރެސްޕޮންޑަރ' ޚިދުމަތް އަންނަ އަހަރު ފަށަނީ

މިލިޓަރީ ޑްރޯން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖޫން 2026، 10:45

29 ޖޫން 2026، 10:45

ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ކުއްލި ހާދިސާތަކަށް އެންމެ ފުރަތަމަ އިޖާބަދޭ ވަސީލަތެއްގެ ގޮތުގައި ޑްރޯން ބޭނުންކުރާ "ޑްރޯން އެޒް ފަސްޓް ރެސްޕޮންޑަރ" ގެ ޚިދުމަތް އަންނަ އަހަރު ތަޢާރަފްކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އިޢުލާން ކުރައްވައިފިއެވެ.

ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މި ޚިދުމަތް ފެށުމުން ފުލުހުންނަށް ހާދިސާއެއް ރިޕޯޓުކުރުމާއެކު، އެ ސަރަޙައްދަކަށް ވަގުތުން ޑްރޯން ފޮނުވޭނެ ކަމަށެވެ. މީގެ ސަބަބުން، އެއްގަމު ޓްރެފިކްގެ ސަބަބުން ނުވަތަ ކަނޑު ހުރަސްކޮށް ދާންޖެހޭ ހާލަތްތަކުގައި އޮފިސަރުން ދިއުން ލަސްވި ނަމަވެސް، ޑްރޯން މެދުވެރިކޮށް އެ ތަނެއްގެ ހާލަތު ވަގުތުން ބަލައި ދެނެގަނެވޭނެއެވެ. އަދި ހާދިސާ ހިނގި ތަނުގެ ވީޑިއޯ ފީޑް، ކޮމާންޑް ސެންޓަރަށާއި އެ ސަރަޙައްދަށް ދާ އޮފިސަރުންނަށް ވަގުތުން ލިބެމުންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ފުލުހުންގެ މުއައްސަސާއަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ހޯދައިދިނުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ފުލުހުންގެ ޓެކްނޮލޮޖީ ވަސީލަތްތައް ހޯސްޓްކުރުމަށް އެންމެ ޒަމާނީ ޑޭޓާ ސެންޓަރެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

މިކަންކަން ނިމިގެން އަންނައިރު ދިވެހި ފުލުހުން ރައްޔިތުންނަށް ދެއްވަމުންގެންދަވާ ޚިދުމަތް އެތައް ގުނައަކަށް ފުރިހަމަވާނެ،

ވަޒީރު 

މީގެ އިތުރުން، 911 އިމަރޖެންސީ ރެސްޕޮންސް ސެންޓަރުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި 'ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިންގ އިކުއިޕްމަންޓް' ހޯދުމަށް ވަނީ ނިންމާފައެވެ. މި ބަދަލާއެކު، އެހީއަށް އެދި ގުޅާ ފަރާތްތަކުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭނެ ކަމަށާއި، އެ ސަރަޙައްދެއްގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކުގެ މަންޒަރުތައްވެސް ވަގުތުން ސިސްޓަމުން ފެންނާނެ ކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް، އިންސާނީ އަދި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަން މި ރަސްމިއްޔާތުގައި ވަނީ ފާހަގަކުރައްވާފައެވެ. އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ފޯރުކޮށްދޭ ސަލާމަތާއި ރައްކާތެރިކަން މިހާރަށްވުރެ ހަރުދަނާކުރުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450