ކުޅިވަރު
އެފްރިކާއިން ވޯލްޑް ކަޕަށް ދިޔަ 10 ޓީމުގެ ތެރެއިން 9 ޓީމެއް ނޮކްއައުޓް ބުރަށް
ކޭޕް ވާރޑްއިން ނޮކްއައުޓް ބުރު ޔަގީން ވުމުން އުފާފާޅުކުރަނީ---
2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އެފްރިކާގެ 10 ގައުމަކުން ވާދަކޮށްފައިވާއިރު، އޭގެ ތެރެއިން 9 ގައުމަކުން މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ހޯދައި، އެފްރިކާ ބައްރުން ތާރީޚީ ކާމިޔާބީއެއް ވަނީ ހޯދާފައެވެ. ހޮނިހިރު ދުވަހުގެ ރޭ އުޒްބަކިސްތާން އަތުން ކޮންގޯ 3-1 އިން މޮޅުވެ، އަދި އޮސްޓްރިއާއާ ދެކޮޅަށް އަލްޖީރިއާ ކުޅުނު މެޗު 3-3 އިން އެއްވަރުވުމުން، އެފްރިކާގެ 9 ގައުމެއް ނޮކްއައުޓް ބުރުން ފެންނާނެއެވެ.
ތަފާތު ނަތީޖާތަކެއް ފެނުނު ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު، މޮރޮކޯ، ދެކުނު އެފްރިކާ، ސެނެގާލް، އައިވަރީ ކޯސްޓް، ގާނާ، ކޭޕް ވާޑޭ، މިޞްރު، ކޮންގޯ އަދި އަލްޖީރިއާ ވަނީ ގަދަ-32 ގެ ބުރަށް ހޮވިފައެވެ.
މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ގައުމަކީ މޮރޮކޯއެވެ. މި ފަހަރުގެ މުބާރާތުގައި ވެސް ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުކޮށް، އެ ޓީމުން ދަނީ މުބާރާތުގެ ރަނގަޅު ހިސާބަކަށް ދަތުރުކޮށްފާނެ ކަމުގެ އުންމީދު އާކުރަމުންނެވެ. މޮރޮކޯއަކީ 2030 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ކޯ-ހޯސްޓް ވެސް މެއެވެ.
މީގެ ކުރިން އެފްރިކާގެ އެންމެ ހަ ގައުމަކަށް ނޫނީ ނޮކައުޓް މަރުހަލާއަށް ދަތުރުކުރެވިފައެއް ނުވެއެވެ. އަދި އެއް އަހަރެއްގައި އެންމެ ގިނަވެގެން އެ މަރުހަލާއަށް ދަތުރުކުރީ ދެ ގައުމެވެ. އެއީ 2014 އަދި 2022 ވަނަ އަހަރުގައެވެ.
މިފަހަރުގެ މުބާރާތުން ފެނިގެންދަނީ އެފްރިކާގެ ފުޓްބޯޅަ ކުރިއަރާފައިވާ މިންވަރެވެ. ވަކިން ހާއްސަކޮށް، ކޭޕް ވާޑޭ އާއި ކޮންގޯ ފަދަ ގައުމުތަކުން ގަދަ-32 ގެ ބުރަށް ދަތުރުކުރުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެކެވެ.
ކޮންގޯއަށް ދެން އޮތީ އިނގިރޭސިވިލާތާ ދެކޮޅަށް ކުޅެންޖެހޭ އުނދަގޫ މެޗެއް ނަމަވެސް، މިވަގުތު އެ ޓީމުން ދަނީ މި ތާރީޚީ ކާމިޔާބީ ފާހަގަކުރަމުންނެވެ.
އަލްޖީރިއާ ދެވަނަ ބުރަށް ދަތުރުކުރީ މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ފޯރިގަދަ ނިމުމަކަށްފަހުގައެވެ. އޮސްޓްރިއާ އާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ތެރޭގައި 2-2 އިން އެއްވަރުވެފައި ވަނިކޮށް، ކެޕްޓަން ރިޔާދު މަހްރޭޒް ޖެހި ލަނޑާއެކު އަލްޖީރިއާ ކުރި ހޯދިއެވެ. ނަމަވެސް، މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި އޮސްޓްރިއާއިން ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކުރިއެވެ. މި ނަތީޖާއާއެކު ދެ ޓީމަށް ވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ.
އަދި ނިއުކާސްލް ޔުނައިޓެޑަށް ކުޅެމުން އަންނަ ކޮންގޯގެ ފޯވާޑް، ޔޯން ވިސާ ބުނީ، މި ފަހަރުގެ ވޯލްޑް ކަޕުން މި ދައްކުވައިދެނީ އެފްރިކާގައި އަރަމުން އަންނަ ޖީލަށް ކުރިމަގު ފަހިވެފައި އޮތް މިންވަރު ކަމަށެވެ.
ގްރޫޕް ސްޓޭޖުން ކެޓި އެފްރިކާގެ ހަމައެކަނި ގައުމަކީ ޓިއުނީސިއާއެވެ.
ނޮކްއައުޓް ބުރުގެ މެޗުތައް ރޭ ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ކެނަޑާއިން ވަނީ ފަހު ވަގުތު ކާމިޔާބުކުރި ގޯލަކާއެކު ދެކުނު އެފްރިކާ ބަލިކޮށްފައެވެ.
މި ބުރުގައި މިރޭ 10 ޖަހާއިރު އޮންނަ މެޗުގައި ބައްދަލު ކުރާނީ ބްރެޒިލް އާއި ޖަޕާނެވެ.