ޚަބަރު
އާއިލީ މައްސަލަތަކުގައި އެހީތެރިވެވޭނެ ހުނަރު އިތުރުކުރުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނާއި އިންތިޒާމުކުރި ފަރާތްތައް---
އާއިލާތަކަށް ކުރިމަތިވާ އެކި މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރާއި ގާބިލުކަންހުރި މީޑިއޭޓަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކާމިޔާބީއާއެކު ނިންމާލައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ އާއިލީ މައްސަލަތަކަށް ޤާނޫނީ އަދި އިޖުތިމާޢީ ނަޒަރަކުން ދާއިމީ ހައްލު ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 25 ބައިވެރިން ވަނީ މި ތަމްރީނުތައް ފުރިހަމަކޮށްފައެވެ.
މި ޕްރޮގްރާމް ބައްޓަންކޮށްފައިވަނީ އިޖުތިމާޢީ ކަންކަމާއި ބެހޭ ވުޒާރާ އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ފެމިލީ ކޯޓު އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން ހިންގާ "ޗައިލްޑް އެންޑް ފެމިލީ ވެލްބީން ޕްރޮޖެކްޓް" ގެ ދަށުންނެވެ. މި ތަމްރީނުތައް ބިނާކޮށްފައިވަނީ ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭގޮތުން ހަދާފައިވާ ދިރާސާ ރިޕޯޓުގެ ހޯދުންތަކުގެ މައްޗަށެވެ.
ޕްރޮގްރާމްގެ ބައިވެރިންނަށް އާއިލީ މައްސަލަތައް ސުލްޙަވެރިކަމާއެކު ޙައްލުކުރުމުގެ (މީޑިއޭޝަން) އަސާސްތަކާއި، މުޢާމަލާތުކުރުމުގެ ހުނަރުތަކުގެ އިތުރުން، މައްސަލަ ޙައްލުކުރުމުގެ އުކުޅުތަކާއި، އަޚްލާޤީ މިންގަނޑުތަކަށް ވަނީ އަހުލުވެރިކޮށްފައެވެ. ޚާއްޞަކޮށް، އާއިލީ މައްސަލަތަކުގައި ކުޑަކުދިންގެ މަޞްލަޙަތު އިސްކުރުމަށް ބޭނުންވާ މުހިންމު ފަންނީ މަޢުލޫމާތުތައް މި ޕްރޮގްރާމްގެ ތެރެއިން ފޯރުކޮށްދީފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި، އާއިލީ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން، ކޮންމެ ކުއްޖަކީވެސް ރައްކާތެރި، އޯގާތެރި އަދި ބިނާކުރުވަނިވި މާޙައުލެއްގައި ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ، އާއިލީ މައްސަލަތަކުގައި ކޯޓުން ބޭރުގައި ވާހަކަދައްކައިގެން ސުލްހަވެރިކަމާއެކު ހައްލު ހޯދައިދޭނެ ޤާބިލު މީޑިއޭޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުމެވެ. މިއީ އާއިލީ މައްސަލަތަކުގައި ކުޑަކުދިންގެ މަސްލަޙަތު އިސްކޮށް، މަޝްވަރާގެ އުސޫލުން މައްސަލަތައް ހައްލުކުރުމުގެ ސަގާފަތެއް ރާއްޖޭގައި އާލާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.