Ads by Farudhun

ޚަބަރު

ހަތަރު ރަށެއްގެ ކޯލްޑް ސްޓޮރޭޖް ފެސިލިޓީ މިއަހަރު ނިންމަނީ

ހަތަރު ރަށެއްގެ ކޯލްޑް ސްޓޮރޭޖް ފެސިލިޓީ މިއަހަރު ނިންމަނީ

މިފްކޯ ކޯލްޑް ސްޓޯރޭޖެ ފޮޓޯ: މިފްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖޫން 2026، 11:06

30 ޖޫން 2026، 11:06

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ، ތާޒާކަމާއެކު މަސް ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫއުގެ ދަށުން ރާއްޖޭގެ ހަތް ރަށެއްގައި ކޯލްޑް ސްޓޮރޭޖު ގާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި މަޝްރޫއުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިންނަށް ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށާއި، މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން އެމްއެމްޓީވީއާ ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ހަތް ރަށުގެ މަޝްރޫއުތައް ނިމުމުން ރާއްޖޭގައި މަސް ރައްކާކުރެވޭ މިންވަރު މިހާރަށްވުރެ 10،900 ޓަނަށް އިތުރުވެގެންދާނެއެވެ.

މި މަޝްރޫއުތައް ކުރިއަށްގެންދަނީ ބައިނަލްއަގުވާމީ މާލީ އިދާރާތައް ކަމަށްވާ އިންޑިއާގެ އެގްޒިމް ބޭންކާއި، ސައުދީ ޑިވެލޮޕްމެންޓް ފަންޑުގެ އިތުރުން އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ ދީލަތި އެހީގައެވެ.

މަޝްރޫއުތަކުގެ ފަހުގެ ތަފްސީލް:

  • ފެލިވަރު: 4،000 ޓަނުގެ ކޯލްޑް ސްޓޮރޭޖުގެ 78 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މި އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ.
  • ކޫއްޑޫ: 4،000 ޓަނުގެ ކޯލްޑް ސްޓޮރޭޖުގެ 25 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މިތަންވެސް މި އަހަރު ނިމޭނެ ކަމަށް ބެލެވެއެވެ.
  • ގދ. ތިނަދޫ: 1،000 ޓަނުގެ ފެސިލިޓީގެ 75 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި އަހަރުގެ ނިޔަލަށް މަސައްކަތް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
  • މ. މުލަކު: 500 ޓަނުގެ ކޯލްޑް ސްޓޮރޭޖުގެ 20 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މި އަހަރުގެ ނިޔަލަށް މަސައްކަތް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
  • ހއ. އިހަވަންދޫ: 1،000 ޓަނުގެ ސްޓޮރޭޖުގެ 2 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް މަސައްކަތް ނިންމުމެވެ.
  • ކަނޑުއޮތްގިރި: 200 ޓަނުގެ ފެސިލިޓީގެ 10 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އަންނަ އަހަރު މަސައްކަތް ނިންމާލެވޭނެއެވެ.
  • ތ. ހިރިލަންދޫ: 200 ޓަނުގެ ކޯލްޑް ސްޓޮރޭޖުގެ 5 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މި މަޝްރޫއު އެކީ ނިމޭނީ 2027 ވަނަ އަހަރުއެވެ.


މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ރާއްޖެއަށް ދުނިޔޭގެ ބާޒާރުގައި މަހުގެ އެންމެ މަތީ އަގު ނުލިބޭ މައިގަނޑު ސަބަބަކީ މަސް ރައްކާކުރެވޭނެ ނިޒާމެއް ނެތުމެވެ. މިކަމުގެ ސަބަބުން ބާޒާރުގައި މަހުގެ އަގު ދަށްވާ ދުވަސްވަރުވެސް މަސްވެރިން ބާނާ މަސް ކިރުވުމަށްފަހު ވަގުތުން ބޭރުކުރަން މަޖުބޫރުވެއެވެ.

ނަމަވެސް މި މަޝްރޫއުތައް ނިމުމުން، ބާޒާރުގައި މަހުގެ އަގު ދަށް ދުވަސްވަރު މަސް ރައްކާކޮށްފައި ބެހެއްޓުމަށްފަހު، އަގު އުފުލޭ ދުވަސްވަރު ބޭރުކުރުމުގެ ފުރުސަތު މަސް ކުންފުނިތަކަށް ލިބިގެންދާނެއެވެ. މިއީ މަސްވެރިން ބާނާ މަހަށް މިހާރަށްވުރެ ރަނގަޅު އަގެއް ދިނުމަށް މަގުފަހިވެގެންދާނެ މުހިންމު ބަދަލެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450