ޚަބަރު
ތ. ގުރައިދޫ މަގުހެދުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި
ތ.ގުރައިދޫ މަގުހެދުމުގެ ޢަމަލީ މަސައްކަތް ފެށުން. ފޮޓޯ: އާރްޑީސީ
ތ. ގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.
ސަރުކާރުގެ ބަޖެޓުން 69.229 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ގުރައިދޫގެ އުމްރާނީ ތަރައްޤީއަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ގުރައިދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިފްތިތާހުކޮށްދެއްވި މަޝްރޫޢެކެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި އާރްޑީސީއާއެކު ސޮއިކޮށްފައިވަނީ 7 އޮގަސްޓް 2025 ގައެވެ. މި މަޝްރޫޢުގެ ދަށުން ގުރައިދޫގެ 10 މަގެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 2.87 ކިލޯމީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. އާރްޑީސީން ބުނި ގޮތުގައި މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ. މަސައްކަތް ކުރިއަށްގެންދާނީ ރައްޔިތުންނަށް އުނދަގޫ ނުވާނެ ގޮތަށް ބަލައިގެން ކަމަށާއި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ނިންމުމަށް އިސްކަންދޭނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ޓޮޕޯގްރަފިކް، ޖިއޯޓެކްނިކަލް އަދި ހައިޑްރޮލޮޖިކަލް ސާވޭތައް ކުރުމާއި، ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ހަދާ އީއައިއޭ ރިޕޯޓު ތައްޔާރުކުރުން ހިމެނެއެވެ. މީގެ އިތުރުން ފެން ހިންދާ ނިޒާމަކާއެކު ދުވާރު ހެދުމާއި، ގަސް އިންދާނެ ވަޅުތައް ތައްޔާރުކުރުމާއި، ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތަށްޓަކައި މަގުމަތީގެ ނިޝާންތައް ކުރެހުމާއި، ބޯޑުތައް ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. އަދި މުޅި ސަރަޙައްދުގައި މަގުބައްތި ހަރުކުރުމާއި، ޔުޓިލިޓީ ޖަންކްޝަންތައް އައު މަގުގެ ލެވެލްއާ އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އާރްޑީސީން މައުލޫމާތުދެއެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ތ. ގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ވަނީ ފެށިފައި.#TeamRDC pic.twitter.com/WLvbH7VLCO
— Road Development Corporation Ltd (@rdcmaldives) June 28, 2026
މި މަޝްރޫޢު ނިމުމުން ގުރައިދޫގެ މަގުތަކުގައި ވާރޭވެހޭ ދުވަސްވަރު ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ދަތުރުފަތުރު ކުރުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މިއީ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.