ޚަބަރު
ސުޕަ މެޖޯރިޓީ އޮތަސް މަޖިލިސް ހިންގަނީ މައިނޯރިޓީއަށް އިހުތިރާމުކޮށްގެން: މެންބަރު އައިބީ
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ފޮޓޯ: ޕީއެންސީ
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިފައި އޮތް ނަމަވެސް، މަޖިލީހުގެ މަސައްކަތްތައް ބައްޓަން ކުރަމުންދަނީ އިދިކޮޅުގައި ތިއްބެވި މަދު މެންބަރުންނަށް ވެސް ފުރުސަތު ފަހިކޮށްދީގެން ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ 'ބޮޑު ހަބަރު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، މީގެ ކުރީގެ މަޖިލިސްތަކުގައި މައިނޯރިޓީއަށް އެއްވެސް އަހައްމިއްޔަތުކަމެއް ދީފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރުގެ މަޖިލީހުގައި، 13 މެންބަރުންނާއެކު މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީން ހުށަހަޅާ ބައެއް ބިލުތަކާއި ގަރާރުތައް ބަލައިގަނެ، އެ ކަންކަމަށް ބަހުސް ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރީގައި ބަހުސަކާ ހަމައަށް ވެސް ނުދެވޭ. ހަމަ ހުށަހެޅީމަ އެ ބަލައިގަތުމަށް ފެންނަކަމަށް ނޫނީ ނުފެންނަކަމަށް ވޯޓު ނެގޭ ހިސާބުން ބޭރުކޮށްލަނީ. މިހާރު ހަމަ އަޅުގަނޑުމެން ގިނަ ބިލުތައް ބަހުސްގެ މަރުހަލާއަށް އެބަ ލަން،
އައިބީ
އޭނާ އިތުރަށް ވިދާޅުވީ މައިނޯރިޓީއަށް އިހުތިރާމު ކުރި ނަމަވެސް، އޭގެ މާނައަކީ ޕީއެންސީގެ 75 މެންބަރުން، އިދިކޮޅު 13 މެންބަރުން ބުނާހާ ގޮތަކަށް ކަންކަން ދޫކޮށްލުން ނޫން ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތައް އޮމާންކޮށް ހިނގާނީ ދެ ފަރާތުން ވެސް އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމު ކޮށްގެން ކަމަށާއި، ތަޅުމާއި ކޮމިޓީތަކުގައި ވެސް ކަންކަން ނިންމަނީ އެމްޑީޕީގެ މެންބަރުންގެ މަޝްވަރާއާއެކު ކަމަށް އައިބީ ވިދާޅުވިއެވެ.
ސަރުކާރުގެ ތަރައްގީގެ ދުވެލި ލަސްކަމަށް ބުނެ އެމްޑީޕީން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން އައިބީ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުގެ މިސާލު ނަންގަވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ފުރަތަމަ ވެރިކަމުގައި ރައީސް ޔާމީންގެ ޒައާމަތުގައި ތަރައްގީކުރި ރަންވޭއަށް 2018 ވަނަ އަހަރު އޭ380 ގެ ބޮޑު ބޯޓު ޖެއްސި ނަމަވެސް، އެމްޑީޕީގެ ފަސް އަހަރު ނިމިގެންދިޔައީ އެއާޕޯޓަށް އެއްވެސް ކުރިއެރުމެއް ނައިސް އޮތް ގޮތަށެވެ.
"2018 އިން 2023 އަށް ވެރިކަން ނިންމާފައި ދިޔައިރު އެއާޕޯޓު އޮތީ އޮތް ގޮތަށް، މަސައްކަތެއް ނުނިމުނު. އެކަމަކު ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން އެއާޕޯޓުގެ މަސައްކަތް ނިންމިތަން ފެނުނީ،" އައިބީ ވިދާޅުވިއެވެ.
މީގެ އިތުރުން، ތިލަމާލެ ބްރިޖާއި، ހަނިމާދޫ އެއާޕޯޓާއި، އައްޑޫ ހަންކެޑެ ބްރިޖުގެ އިތުރުން ގަމުގެ އެއާޕޯޓުގެ މަސައްކަތްތައް ވެސް ކުރީ ސަރުކާރަށް ނުނިމި އޮތުމުން، އެ މަޝްރޫއުތައް ނިންމަން ޖެހިފައިވަނީ މި ސަރުކާރަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، އުމްރާނީ ތަރައްގީގެ ދުވެލި ލަސްކަމަށް ބުނެ އެމްޑީޕީއަށް ވާހަކަ ނުދެއްކޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވިއެވެ.