ކުޅިވަރު
ރާއްޖޭގެ ފުޓުބޯޅަ ކުރިއަރާނީ ކުޅުންތެރިންނާއެކީ ރެފްރީންވެސް ކުރިއަރައިގެން: އުރުބާނީ
ރާއްޖޭގެ ގައުމީ ޓީމުގެ ހެޑް ކޯޗު، އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ، އިސްޓަވާން އުރުބާނީ---
ދިވެހިރާއްޖޭގެ ފުޓުބޯޅަ ކުރިއަރާނީ ކުޅުންތެރިންނާ އެއްވަރަށް ރެފްރީންވެސް ކުރިއަރައިގެންކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ހެޑް ކޯޗު، އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ، އިސްޓަވާން އުރުބާނީ ބުނެފިއެވެ.
ފުޓްސަލް އާއި ފުޓުބޯޅަ މުބާރާތްތަކުގައި ވެސް، ރެފްރީން ނިންމާ ރަނގަޅު ނޫން ނިންމުންތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު މުޅި ކުޅިވަރަށްކުރާ މަންޒަރު އަންނަނީ ފެންނަމުންނެވެ. ޚާއްޞަކޮށް މިފަހަކަށް އައިސް މި މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ.
މި އަހަރު ގަލޮޅު ދަނޑުގައި ކުޅުނު ބޮޑެތި މުބާރާތްތަކުގައި މިފަދަ މައްސަލަތައް ދިމާވެފައިވާއިރު، މިކަންކަމާ ގުޅޭގޮތުން ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު، އުރުބާނީ ބުނީ ފުޓުބޯޅަ ކުޅުންތެރިންނެކޭ އެއްގޮތަށް، ރެފްރީންގެވެސް ފުޓްބޯލް އައިކިއު މަތިވުން މުހިންމުކަމަށެވެ.
ފުޓުބޯޅައިގަ މިހާރަކަށް އައިސް ވަރަށް މުހިންމު ސިފައެއް އެބަ އޮވޭ، އެއީ ފުޓްބޯލް އައިކިއު. ބައެއް މީހުން ގަބޫލުކުރާ ގޮތުގަ އެއީ މިހާރު އެންމެ މުހިންމު ކަންތައް. ކުޅުންތެރިންގެ ހަލުވިމިނާއި ބުންވަރު ކަހަލަ ސިފަތަކަށްވުރެވެސް އެކަންތައް މުހިންމުކަމަށް ގަބޫލުކުރާ މީހުން ގިނަ. ގޭމުގަ ވާނުވާ އެނގުން. ގޭމު ރީޑުކުރަން އެނގުން. ޖެހޭ މައްސަލަތައް ހައްލުކުރަން އެނގުން. މިކަންކަން ރެފްރީންނަށްވެސް މުހިންމުވޭ. ރެފްރީންވެސް ރަނގަޅު ފުޓްބޯލް އައިކިއުއެއް އެބަ ބޭނުންވޭ. ނޫންނަމަ ގޭމުގަ ވާނުވާއެއް ނޭނގޭނެ.
ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި އުރުބާނީ ބުންޏެވެ.
ފުޓުބޯޅައިގެ އައިކިއު ނުވަތަ ފުޓުބޯޅައިގެ ވިސްނުންތެރިކަމަކީ ކުޅިވަރުގެ އުކުޅުތަކާއި ހާލަތްތައް ސިކުނޑިން ދެނެގަތުމަށް ކުޅުންތެރިއަކަށް ލިބިފައިވާ ގާބިލުކަމެވެ. މިއީ ހަމައެކަނި ހަށިގަނޑުގެ ބާރުމިނާއި ފަންނީ ހުނަރުތަކަށްވުރެ މާ ފުޅާ ކަމެކެވެ. މީގެ ތެރޭގައި ދަނޑުމަތީގެ ހުސްޖާގަތައް ދެނެގަތުމާއި، ޕްރެޝަރުގެ ތެރެއިން ރަނގަޅު ނިންމުންތައް ނިންމުމުގެ އިތުރުން، ކުޅުމުގެ ތެރެއިން ދެން ވާނެ ގޮތްތައް ކުރިއަށް ލަފާކޮށް ދެނެގަތުމުގެ ހުނަރު ހިމެނެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން އުރުބާނީ ފާހަގަކުރި ގޮތުގައި، ރެފްރީންނަށް މި ވިސްނުން މުހިންމުވަނީ މެޗުގެ ފޯރި ހިފެހެއްޓުމަށެވެ.
އަހަރެން ހުރިހާ ކަމެއް ރެފްރީންގެ ބޮލުގަ އަޅުވަނީއެއް ނޫން. އަހަންނަށް އެނގޭ އެއީ ކިހާ އުނދަގޫ ކަމެއްކަން. އެކަމު ބައެއް ހާލަތްތަކުގަ އަހަންނަށް އެއްވެސް ވަރަކަށް ނުވިސްނޭ ރެފްރީންނަށް ބައެއް މަންޒަރުތައް ނުފެންނަނީ ކީއްވެ ކަމެއް.
އުރުބާނީ ބުންޏެވެ.
މިއީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ބޮޑެތި ލީގުތަކުގައިވެސް ފެންނަ މައްސަލައެކެވެ. ޑިފެންޑުކުރާ ޓީމުން ބޯޅަ އަތުލައިގެން ކައުންޓަރ އެޓޭކަކަށް ފުރުސަތު އޮއްވައި، އިދިކޮޅު ކުޅުންތެރިއަކު އޮފްސައިޑްގައި ހުރުމުން ކުޅުން މެދުކަނޑާލުމަކީ ގޭމުގެ ފޯރި ގެއްލޭ ކަމެކެވެ. މިފަދަ ނިންމުންތަކުގެ ސަބަބުން ކުޅުންތެރިން ރެފްރީންނާ ދިމާކޮށް، މައްސަލަ ހޫނުވާ ތަން ފެނެއެވެ.
އުރުބާނީ ފާހަގަކުރި ގޮތުގައި މިފަދަ މައްސަލަތައް ދިމާވަނީ ފުޓުބޯޅަ ކުޅުމުގެ އަމަލީ ތަޖުރިބާ ހުރި ރެފްރީން މަދުވުމުންނެވެ. އެހެންކަމުން، ކުޅުންތެރިންގެ ވިސްނުން ހުންނާނެ ގޮތް ދެނެގަތުމުގައި ރެފްރީންނަށް ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.
ރެފްރީންނަށް "ފުޓްބޯލް އައިކިއު" މުހިންމުވަނީ ގޭމު "މަރާނުލައި"، މެޗުގެ ފޯރި ހިފަހައްޓައި، ސަޕޯޓަރުން ބަލާހިތްވާފަދަ މެޗެއް ކުޅުމުގެ ފުރުސަތު ކުޅުންތެރިންނަށް ފަހިކޮށްދިނުމަށެވެ. ރާއްޖޭގެ ފުޓުބޯޅަ އާ އުސްމިންތަކަކަށް ވާސިލުވުމަށް މިއީ ކޮންމެހެން އިސްކަންދޭންޖެހޭ ކަމެއްގެ ގޮތުގައި އުރުބާނީ ވަނީ ފާހަގަކޮށްފައެވެ.