ވިޔަފާރި / ޚަބަރު
އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ރަސްމީ މަޝްވަރާތައް ފަށައިފި
ރައީސް މުއިއްޒު އާއި އިންޑިއާގެ ޕްރައިމް މިނިސްޓަރ ބައްދަލުކުރެއްވުން (ފައިލް ފޮޓޯ)---
ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ޤާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފަށާފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ރަސްމީ މަޝްވަރާތައް މިހާރު ވަނީ ފަށާފައެވެ. އެގޮތުން، މިކަމާ ގުޅޭ ފުރަތަމަ ބައްދަލުވުން މިދިޔަ ހޯމަ ދުވަހު ބާއްވާފައިވާ ކަމަށްވެސް ވަޒީރު މަޢުލޫމާތު ދެއްވިއެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަޝްވަރާތައް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ ދާއިރާ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި މަޝްވަރާތައް މިހާރު ވަނީ އަމަލީ މަރުޙަލާއަކަށް ގޮސްފައެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، މިފަދަ އެއްބަސްވުންތަކުގެ ތެރެއިން ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގައި އުފައްދާ ބާވަތްތަކަށް ބޭރުގެ ބާޒާރުތަކުން ލުއިތައް ހޯދުމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ޑިއުޓީތައް އުނިވުން ފަދަ ވިޔަފާރިތަކަށް ސީދާގޮތުން މަންފާކުރާނެ ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްދާއިރު، ރާއްޖެއިން ވަނީ ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޢަމަލުކުރަން ފަށާފައެވެ. މީގެ އިތުރުން، ތުރުކީވިލާތާއެކު ވެސް ރާއްޖެއިން ވަނީ ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ.
އިޤްތިޞާދީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ތުރުކީއާއެކު ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދެ ޤައުމުގެ ދެމެދުގައި ފުރިހަމަކުރަންޖެހޭ ފަންނީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ދިވެހި އުފެއްދުންތަކަށް ބޭރުގެ ބާޒާރުތައް ފަހިވެ، ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.