ކުޅިވަރު
ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އެމްބައްޕޭ މުގުރާލައިފި
ފްރާންސްގެ ކީލިއަން އެމްބައްޕޭ / ފޮޓޯ: ގެޓީއިމޭޖަސް
ފީފާ ވޯލްޑް ކަޕްގައި ފްރާންސުން ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ސްވިޑަން ބަލިކޮށް، މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިރު، އެ މެޗުގައި ކީލިއަން އެމްބައްޕޭ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލައިފިއެވެ.
މެޗުގެ ދެ ހާފުގައި އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑާއެކު، ނޮކައުޓް ބުރުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 10 އަށް އަރާފައެވެ. މީގެ އިތުރުން، މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށްދޭ ރަން ބޫޓުގެ ރޭހުގައި އޭނާ މިހާރު އުޅެނީ އާޖެންޓީނާގެ ލިއޮނަލް މެސީއާ އެއްވަރަށް، ހަ ލަނޑާއެކު އެއްވަނައިގައެވެ.
އެމެރިކާގެ ނިއު ޖާޒީގައި ކުޅުނު މި މެޗު ފެށިގޮތަށް ފްރާންސުން ވަނީ ވަރުގަދަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ 20 ވަނަ މިނެޓުގައި އެމްބައްޕޭ ޖެހި ލަނޑެއް އޮފްސައިޑްވުމުން ބަލައިނުގަތްއިރު، ޖޫލްސް ކޫންޑޭ ހުރަސްކޮށްދިން ބޯޅައެއްގައި އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
އޭގެ އިރުކޮޅެއް ފަހުން، މައިކަލް އޮލީސޭ ފޮނުވާލި ހަމަލާއެއް ވެސް ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ. އަދި ސްވިޑަންގެ ގޯލްކީޕަރު ޖޭކޮބް ވިޑެލް ޒެޓަސްޓްރޮމް ވަނީ ފްރާންސްގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު އެމްބާޕޭ ފޮނުވާލި ހަމަލާ އޭނާއަކަށް ނުހުއްޓުވުނެވެ. ޑެމްބެލޭ ދިން ރީތި ޕާހެއް ހޯދައި، ސްވިޑަންގެ ކައިރިން ނައްޓާލުމަށްފަހު އެމްބައްޕޭ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި ފްރާންސަށް ލީޑު ހޯދައިދީފައެވެ.
މެޗުގެ ނަތީޖާ އެއްވަރުކުރަން ސްވިޑަންއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އެލިއަޓް ސްޓްރައުޑް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. ދެވަނަ ހާފު ފެށިގެން އަށްވަނަ މިނެޓުގައި ބްރެޑްލީ ބާކޯލާ ވަނީ އޮލީސޭގެ އެހީތެރިކަމާއެކު ލަނޑެއް ޖަހައި ފްރާންސްގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ 74 ވަނަ މިނެޓުގައި އެމްބައްޕޭ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ އަނެއްކާވެސް އޮލީސޭ ފަހިކޮށްދިން ތަނަވަސް ފުރުސަތަކުންނެވެ.
މެޗުގެ ފަހުކޮޅު ސްވިޑަންގެ ޔޮކެރޭސްއަށް ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، ފްރާންސްގެ ކީޕަރު މައިކް މައިނޯ ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ.
މި މޮޅާއެކު ފްރާންސް ދެން ބައްދަލުކުރާނީ ހޯމަ ދުވަހު ޕެނަލްޓީ ޖަހައިގެން ޖަރުމަން ބަލިކުރި ޕެރަގުއޭއާއެވެ. މި މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ފިލަޑެލްފިއާގައެވެ.