ކުޅިވަރު
އޭއެފްސީގެ އެހީއާއެކު މާލޭގައި ތިން ފުޓުބޯޅަ ދަނޑު އަޅަން ނިންމައިފި
އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގު---
އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) ގެ ދީލަތި އެހީތެރިކަމާއެކު، މާލޭގައި ފެންވަރު ރަނގަޅު ތިން ޓާފް ދަނޑު ތަރައްގީކުރުމަށް ފާސްވެފައިވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހްމަދު ތޯރިގު ހާމަކުރައްވައިފިއެވެ.
މި މަޝްރޫއުގެ ދަށުން ދެ ދަނޑު އެޅުމަށް ހަމަޖެހިފައިވަނީ ކުރީގެ މިނީ ޓާފް ދަނޑުތައް ހިންގި މާފަންނު ވެލި ދަނޑު ސަރަހައްދުގައެވެ. އަދި ތިންވަނަ ދަނޑަކީ މިހާރު ވަރަށް ބޮޑަށް ބާވެ ހަލާކުވެފައި އޮތް މާފަންނު ޓާފް 2 އެވެ. މީގެ އިތުރުން ސަރުކާރުގެ އެހީތެރިކަމާއެކު މާފަންނު ޓާފް 1 ގެ ޓާފް އެއްކޮށް އައުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
އެފްއޭއެމްގެ ރައީސް ތޯރިގު ފާހަގަކުރެއްވި ގޮތުގައި، މި ދަނޑުތައް އެޅުމަށް އޭއެފްސީއަށް ހުށަހެޅި ޕްރޮޕޯސަލް މިހާރު ވަނީ ފާސްވެފައެވެ. އަދި ދަނޑުތަކުގެ ބިންގާ ނުވަތަ ސަބް ބޭސް އެޅުމުގެ މުހިންމު މަސައްކަތްތައް ކުރިއަށްދާނީ ސަރުކާރާއި އެފްއޭއެމް ގުޅިގެންނެވެ.
މާލޭގައި ތިން ޓާފް އެޅުމަށް އޭއެފްސީގެ އެހީތެރިކަމާއެކު އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން. އެއީ ވެސް އޭއެފްސީއަށް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުން އޭއެފްސީން މި ވަނީ އެ ފާސްކޮށްފައި.
ތޯރިގު ވިދާޅުވިއެވެ.
އަމަލީ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ، ވެލި ދަނޑު ސަރަހައްދުގައި ހުރި އަމިއްލަ ފަރާތެއްގެ ގުދަން ހުސްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެތަން އެއްކޮށް ހުސްވިހާ އަވަހަކަށް ގުދަން ތަޅާލައި އާ ދަނޑުތަކުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މާފަންނު ޓާފް ދަނޑުތަކުގެ ހާލަތު ގޯސްވުމުގެ ސަބަބުން ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކުން ތަކުރާރުކޮށް ޝަކުވާ ކުރަމުން ދިޔުމާ ގުޅިގެން، ތޯރިގު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ވެސް ވަނީ އެ ދަނޑު މަރާމާތު ކޮށްފައެވެ. ނަމަވެސް، މި އައު މަޝްރޫއު ނިމި އިތުރު ދަނޑުތަކެއް ލިބިގެން ދިޔުމަކީ ދިވެހި ކްލަބުތަކަށް ޕްރެކްޓިސް ކުރުމަށާއި މެޗުތައް ކުޅުމަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ލިބޭނެ ދާއިމީ އަދި ބޮޑު ހައްލެކެވެ.