ވިޔަފާރި / ޚަބަރު
ރާއްޖޭގެ 2 ކުންފުންޏަކުން މޫދުވިނަ އާލާކުރަން ފަށައިިފި
މޫދުވިނަ އާލާކުރުމުގެ މަސައްކަތް އިފްތިތާޚްކުރުން ފޮޓޯ: ވުޒާރާ
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، މަސްވެރިކަމުގެ އިތުރު ގޮފިތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން، މެރިކަލްޗަރ ސިނާޢަތް ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މި ސިނާޢަތް ތަރައްޤީކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ ފަސް ސަރަޙައްދެއް ކަނޑައަޅުއްވާފައެވެ. އެއީ ބޮޑު ތިލަދުންމައްޗާއި، ރ. އަތޮޅާއި، މ. އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެއިތުރުން ކ. މަނިޔަފުއްޓާ ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް ވަނީ މިކަމަށް ޚާއްޞަކޮށްފައެވެ.
މެރިކަލްޗަރގެ ތެރެއިން މޫދުވިނަ އާލާކޮށް އެކްސްޕޯޓްކުރުމުގެ މަސައްކަތް މިދިޔަ އަހަރު ބ. ފެހެންދޫގައި "ފްލޯޓިން އޭކަރސް" ކުންފުނިން ވަނީ ފަށާފައެވެ. އެ ކުންފުނީގެ ފުރަތަމަ ޝިޕްމަންޓް މިއަހަރުގެ ތެރޭގައި އެކްސްޕޯޓްކޮށްފައިވާއިރު، މި ކާމިޔާބީއަށް ބަލައި އިތުރު ކުންފުނިތަކުން މިހާރު ދަނީ މި ދާއިރާއަށް އިންވެސްޓްކުރަމުންނެވެ. އެގޮތުން "އެސްޓީއެމް" ނަމަކަށް ކިޔާ ކުންފުންޏަކުން މިހާރު ވަނީ ގއ. ކޮނޑޭ އަދި ކޮލަމާފުށީގައި މޫދުވިނަ އާލާކުރުމުގެ މަސައްކަތް ފަށާފައެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމްޢިއްޔާ (އެފް.އޭ.އޯ) ގެ ޓެކްނިކަލް އެހީގައި މޫދުވިނައިން އައު އުފެއްދުންތައް ތައްޔާރުކުރުމުގެ މަޝްރޫޢަކަށް މިހާރު ވަނީ ފެހި ސިގްނަލް ލިބިފައެވެ. އަދި ޖަޕާނު ސަރުކާރުގެ އެހީގައި ކަނޑުގެ ނަފާ އިތުރުކުރުމުގެ އިތުރު މަޝްރޫޢެއް އެކުލަވާލުމަށްވެސް ދަނީ މަޝްވަރާކުރެވެމުންނެވެ.
މި ސިނާޢަތަށް ވަންނަން ބޭނުންވާ ދިވެހި ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން، މޫދުކޮށި ގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ "މެރިކަލްޗަރ ސްކީމް" އެއްވެސް ސަރުކާރުން ވަނީ ތަޢާރަފްކޮށްފައެވެ. މިކަމުގެ ސަބަބުން ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.