ޚަބަރު
ސެޕްޓެމްބަރު މަހު ފިލްމް އެވޯޑް ބޭއްވުމަށް ތައްޔާރުވަނީ: ވަޒީރު ހީނާ ވަލީދު
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ފޮޓޯ: މަޖިލިސް
ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، މިއަހަރުގެ ސެޕްޓެމްބަރު މަހު ފިލްމް އެވޯޑް ބޭއްވުމަށް ތައްޔާރުވަމުންދާކަން މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ހާމަކުރައްވައިފިއެވެ.
މިނިސްޓަރ ހީނާ މިކަން ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ ފިލްމީ ދާއިރާއަކީ ރާއްޖޭގައި ވަރަށް ޒަމާންވީ ތާރީހީ އިންޑަސްޓްރީއެއް ކަމަށާއި، މި ދާއިރާ ނަގާ ކޮޅަށް ޖެއްސެވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ގިނަ ފަންނާނުން އެބަ ތިއްބެވި ކަމަށެވެ.
މި އިންޑަސްޓްރީއަކީ ވަރަށް ތަޖުރިބާކާރު ފަންނާނުން ތިބި ދާއިރާއެއް. އަޅުގަނޑުމެންގެ ވިސްނުމަކީ އެ ބޭފުޅުން ކުރެއްވި މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ ބޭފުޅުންނަށް ހައްގުވާ އެވޯޑެއް ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން،
ވަޒީރު
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެންމެ ފަހުން ރާއްޖޭގައި ފިލްމް އެވޯޑެއް ބޭއްވުނީ 2019 ވަނަ އަހަރުގައެވެ. އޭގެ ފަހުން މެދުކެނޑިފައިވާ މި ހަފްލާ އަލުން އިއާދަކުރުމަށްޓަކައި ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން މިހާރު ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެވޯޑަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އިދާރީ ހުރިހާ މަސައްކަތްތަކެއް އެންސީއޭއާ ގުޅިގެން މިހާރު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި މި އެވޯޑް ބޭއްވުން ކަމަށެވެ.