ދުނިޔެ

އެމެރިކާގައި އުފަންވާ މީހުންނަށް ލިބިދޭ ހައްގު ހުއްޓުވުމަށް ޓްރަމްޕް ނެރުނު އަމުރު އެމެރިކާގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފި

އެމެރިކާގައި އުފަންވާ މީހުންނަށް ލިބިދޭ ހައްގު ހުއްޓުވުމަށް ޓްރަމްޕް ނެރުނު އަމުރު އެމެރިކާގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފި

އެމެރިކާގެ ސްޕްރީމް ކޯޓު ކައިރީގައި ބަޔަކު މުޒާހަރާ ކުރަނީ. ފޮޓޯ: އޭޕީ އިމޭޖްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖުލައި 2026، 10:23

01 ޖުލައި 2026، 10:23

އެމެރިކާގެ ފަސްގަނޑަށް އުފަންވާ ކޮންމެ މީހަކަށް އޮޓޮމެޓިކުން އެ ގައުމުގެ ރައްޔިތަކަށް ވުމުގެ ހައްގު (ބާތްރައިޓް ސިޓިޒަންޝިޕް) އުވާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުނު ރިޔާސީ އަމުރު އެމެރިކާގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

9 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗުން މި ނިންމުން ނިންމާފައިވަނީ 6 ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

ޖެނުއަރީ 20، 2025 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޓްރަމްޕް ސޮއިކުރި މި އަމުރުގައި ވަނީ، ގާނޫނީ ދާއިމީ ހުއްދައެއް ނެތް ނުވަތަ ވަގުތީ ހުއްދައެއްގެ ދަށުން އެމެރިކާގައި އުޅޭ މީހުންނަށް އުފަންވާ ކުދިންނަށް އެމެރިކާގެ ރައްޔިތަކަށް ނުވެވޭނެ ކަމަށް ކަނޑައަޅާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ މި އަމުރަކީ އެމެރިކާގެ ގާނޫނުއަސާސީގެ 14 ވަނަ އިސްލާހާ ހިލާފު އަމުރެއް ކަމަށެވެ.

ކޯޓުގެ އަޣުލަބިއްޔަތު ރައުޔު ލިޔުއްވަމުން ޗީފް ޖަސްޓިސް ޖޯން ރޮބަޓްސް ވިދާޅުވީ، 1868 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މި ހައްގަކީ ގައުމުގެ އައިޑެންޓިޓީގެ މުހިންމު ބައެއް ކަމަށެވެ. "މި ތާރީޚީ ނިންމުން ބަދަލުކުރުމަށް އެކަށީގެންވާ ހެކި ޓްރަމްޕްގެ ސަރުކާރަށް ދެއްކިފައެއް ނުވޭ،" ރޮބަޓްސް ބުނެފައިވެއެވެ. ރޮބަޓްސްއާ އެކު ކޮންޒަވޭޓިވް ދެ ފަނޑިޔާރުންނާއި ލިބަރަލް ތިން ފަނޑިޔާރުން ވަނީ މި ނިންމުމަށް ތާއީދުކޮށްފައެވެ.

މި ނިންމުމާ ގުޅިގެން ރައީސް ޓްރަމްޕް ވަނީ މިއީ ގައުމަށް ލިބުނު ދެރައެއް ކަމަށް ސިފަކޮށްފައެވެ. އަދި ކޮންގްރެސްގެ މެންބަރުންނަށް ގޮވާލެއްވީ މިކަން ހުއްޓުވުމަށް އާ ގާނޫނެއް ފާސްކުރުމަށެވެ. ޓްރަމްޕް ބުނީ "އަގުބޮޑު އަދި ގައުމަށް ބޭއިންސާފު މި އުސޫލު ނިމުމަކަށް ގެނައުމުގެ މަސައްކަތް ކޮންގްރެސް އިން މިއަދު ފަށަންޖެހޭ" ކަމަށެވެ.

މި މައްސަލައިގައި ދެކޮޅަށް ރައުޔު ނެރުނު ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ކްލޭރެންސް ތޯމަސް ބުނީ، ގާނޫނުއަސާސީގެ މާނަ ސިޔާސީ ބޭނުންތަކަށް އޮޅުވާލާފައިވާ ކަމަށެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ މިއީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އޭސީއެލްޔޫ އިން ބުނިގޮތުގައި ޓްރަމްޕްގެ އަމުރު ދެމިއޮތް ނަމަ، 2045 ވަނަ އަހަރާ ހަމައަށް އެމެރިކާގައި އެއްވެސް ގައުމެއްގެ ރައްޔިތަކަށް ނުވާ 2.7 މިލިއަން މީހުން އުފެދިގެންދިޔައީހެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450