ވިޔަފާރި / ޚަބަރު

ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން 2 ބިލިޔަން ހޯދައިފި: މީރާ

ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން 2 ބިލިޔަން ހޯދައިފި: މީރާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖުލައި 2026، 10:29

01 ޖުލައި 2026، 10:29

އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 2 ބިލިޔަން ރުފިޔާ ހޯދާފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، ނުލިބި ހުރި ފައިސާ ހޯދުމަށް އެކި މަރުހަލާތަކަށް ބަހާލައިގެން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ފައިސާ ހޯދާފައިވާ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ހޯދާފައިވަނީ ޑަނިންގ ނުވަތަ އެކި ގޮތްގޮތުން މުއާމަލާތްކޮށްގެންނެވެ. އެއީ 1.2 ބިލިޔަން ރުފިޔާއެވެ.

މީގެ އިތުރުން ޑިއުސް ކްލިއަރަންސް މަރުހަލާގެ ތެރެއިން 617 މިލިޔަން ރުފިޔާ ހޯދާފައިވާއިރު، ހަނދާންކޮށްދިނުމަށް ގުޅައިގެންނާއި މެއިލް ކޮށްގެން 151 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. އަދި ބޭންކް އެކައުންޓް ފްރީޒްކުރުމުގެ ޕޮލިސީގެ ދަށުން 13.5 މިލިޔަން ރުފިޔާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކޮށްގެން 13.1 މިލިޔަން ރުފިޔާ ދައުލަތަށް ވަނީ ހޯދާފައެވެ.

މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފުރަތަމަ ކުއާޓަރުގެ ތެރޭގައި ޓެކްސް ބަޔާން ހުށަނާޅާ 10,701 ފަރާތަކަށާއި، ފައިސާ ދައްކަންޖެހި ނުދައްކާ ތިބި 5,776 ފަރާތަކަށް އެކަން ހަނދާންކޮށްދީ ފައިނަލް ނޯޓިސް ވަނީ ހަވާލުކޮށްފައެވެ.

ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން، މީރާއިން ވަނީ ފައިސާ ބަހާލައިގެން ދެއްކޭނެ އިންތިޒާމުތަކެއްވެސް ހަމަޖައްސައިދީފައެވެ. އެގޮތުން ޖުމްލަ 256 މިލިޔަން ރުފިޔާގެ ޓެކްސް ފައިސާ އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް 176 ފަރާތަކަށް ވަނީ ހަމަޖައްސައިދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމަށާއި، މާލީ ނިޒާމު ހަރުދަނާކުރުމަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން މީރާއިން ދަނީ މިފަދަ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450