ވިޔަފާރި / ޚަބަރު
ހަތަރު މަސްދުވަހަށްފަހު އެމިރޭޓްސްގެ ޝެޑިއުލް ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި
އެމިރޭޓްސްގެ ބޯޓެއް ފޮޓޯ: އެމިރޭޓްސް
މެދުއިރުމަތީގައި އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހު، ދުނިޔޭގެ މަޝްހޫރު އެއާލައިން "އެމިރޭޓްސް" އިން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް ހަތަރު މަސްދުވަހަށްފަހު އަލުން ފަށައިފިއެވެ.
އެމިރޭޓްސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ވައިގެ ސަރަހައްދުތައް ބަންދުކުރުމާ ގުޅިގެންނެވެ. ނަމަވެސް، މަސްރަހަށް އައި ބަދަލުތަކާއެކު އެމިރޭޓްސްއިން މިހާރު ވަނީ ރާއްޖޭގެ އިތުރުން އަވަށްޓެރި ސްރީލަންކާއަށްވެސް ޝެޑިއުލް ދަތުރުތައް އަލުން ފަށާފައެވެ.
ކޮންމެ ދުވަހަކު ބޭއްވުމަށް ހަމަޖެހިފައިވާ މި ދަތުރުތަކަކީ އެމިރޭޓްސްގެ ދުބާއީ-މާލެ ފްލައިޓް EK652 ގެ އިތުރުވުމެކެވެ. މި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށްފަހު ދެން ދަތުރުކުރާނީ ކޮލަމްބޯއަށެވެ. އަދި އެނބުރި ދުބާއީއަށް ކުރާ ދަތުރު EK653 ވެސް ކުރިއަށްދާނީ ކޮލަމްބޯއިން މާލެއަށް ޖެއްސުމަށްފަހުއެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޯއިން 777 މަރުކާގެ ބޯޓުތަކެވެ.
އެމިރޭޓްސް އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އުފުލާ އެއް އެއާލައިނަށް ވާއިރު، މި ދަތުރުތައް އަލުން ފެށުމާއެކު މެދުއިރުމައްޗާއި ޔޫރަޕް އަދި އެމެރިކާގެ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ވައިގެ ގުޅުން ނުވަތަ ކަނެކްޓިވިޓީ އިތުރަށް ފުޅާވެގެންދާނެއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ދެކޭގޮތުގައި މިއީ ރާއްޖެއާއި ދުބާއީއާ ދެމެދު އޮންނަ ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެކެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ސަރަހައްދުތައް ބަންދުކުރުމުން އެމިރޭޓްސްގެ އިތުރުން ގަތަރު އެއާވޭސް އާއި އިއްތިހާދު އެއާވޭސް ފަދަ ބޮޑެތި އެއާލައިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ދަތުރުތަކެއް ކެންސަލްކުރަން ޖެހުނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މުޅި މެދުއިރުމަތީގެ އެއާޕޯޓުތަކުން 30,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކުރަން ޖެހުނުއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ގާތްގަނޑަކަށް 30 އިންސައްތައަކީ މެދުއިރުމަތީގެ މަގުން ދަތުރުކުރާ ފަރާތްތަކެވެ.
އެމިރޭޓްސްއިން މިހާރު ދަނީ އެ އެއާލައިންގެ ވިއުގަ އަލުން ބިނާކުރަމުންނެވެ. އެގޮތުން މާޗް މަހުގެ މެދަކާ ހަމައަށް 110 އަށްވުރެ ގިނަ މަންޒިލްތަކަށް ދަތުރުތައް ފަށާފައިވާއިރު، މިހާރު ދަތުރުތައް ކުރަމުންދަނީ ސަލާމަތީ ގޮތުން ރައްކާތެރިކަން ކަށަވަރުކޮށްފައިވާ އާ މަގުތަކެއްގައެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި ދާއިރާގެ ހިއްސާދާރުން ކުރި މަސައްކަތުން، ގިނަ އެއާލައިންތަކެއްގެ ދަތުރުތައް މިހާރު ވަނީ އަލުން ފަށާފައެވެ. އަދި ބައެއް އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް މިހާރު ވަނީ ކުރިއަށްވުރެ އިތުރުކޮށްފައެވެ.
ރާއްޖެއާއި ލަންކާއަށް އެމިރޭޓްސްއިން ހިދުމަތް ދޭތާ ތިން ދަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ދަތުރުތައް އަލުން ފެށުމަކީ ލަންކާގެ އެކްސްޕޯޓް ދާއިރާއަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.